ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ

އަލިފާނުގެ ހާދިސާ ހިނގި ދިގުރަށު ހަރުގެ: ފޮޓޯ ޕޮލިސް

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ގެއެއްގައި ހުރި ހަރުގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި ޢުމުރުން 66 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާއަށް މިހާރު ގެންދަނީ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ކަމަށެވެ. އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:04 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގައި އެ ހަރުގޭގައި ކުރި ކުޑަ ދޯންޏެއްގައި ވަނީ ވަރަށް ބޮޑަށް ރޯވެ ގެއްލުން ވެފައެވެ. އަދި ކައިރީގައި ހުރި ރުކެއްގައި ރޯވެ ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހަރުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އަލިފާން ނިއްވާލައިފައިވަނީ ފުލުހުންނާއި އެރަށު މީހުން ގުޅިގެން ކުރި މަސައްކަތުންނެވެ. މި ހާދިސާގެ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ.

މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދޫގައި ވެސް ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.