އަނަންތާރާ ރިސޯޓާއެކު ޖެންޑަރ މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ.

މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުޞަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އަނަންތާރާ ދިގު ރިސޯޓުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަނަންތާރާ ރިސޯޓުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ އެޑްރިއަން ސްޓޯޕްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން މުޖުތަމަޢުއަށް ނެރުމަށް ކުންފުނިތަކުގެ ޙިއްޞާ ވަރަށް މުހިންމު ކަމަށެވެ. އަދި މި ނަމޫނާ ފާއިތުވެ ދިޔަ އަހަރުތަކުގައި އަނަންތާރާ ރިސޯޓުން ދައްކަމުން އަންނަ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ވަގުތު ވެސް އަނަންތާރާ ރިސޯޓުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކޮށް ވަޒީފާ އަދާކުރަމުން ދާ ކުއްޖަކު ހުރި ކަން ފާހަގަކުރައްވައި، މި ފަދަ ފުރުޞަތުތަކުގެ ބޭނުން ކުދިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް މިނިސްޓަރ ޝިދާތާ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓްރީއާއި އަނަންތާރާ ރިސޯޓާ ދެމެދު މި ފަދަ އެމް.އޯ.ޔޫއެއްގައި މީގެ ކުރިން ވެސް ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 2 ކުއްޖަކު އަނަންތާރާ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އަދި މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫއިން އިތުރު 3 ކުއްޖަކަށް މި ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

މީގެ އިތުރުން ވެސް އިތުރު ރިސޯޓުތަކާއި، ކުންފުނިތަކާއެކު މި ފަދަ އެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުން ކަމަށް ޖެންޑަރ އިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.