އިސްލާމިކް ސްޓޭޓުގެ އެންމެ ފަހު ރަށުން ނުކުންނަ މީހުންގެ ތެރޭގައި ޒަޚަމްވެފައިވާ އެކަނިވެރި ކުޑަކުދިންތަކެއް

ބާޣޫޒްގައި ހިނގާ ހަނގުރާމައިން ސަލާމަތްވާން ނުކުތް ކުދިންތަކެއް

ސީރިޔާއާއި އިރާގުގެ ބޮޑު ސަރަހައްދެއް ހިފައި، 'އިސްލާމީ ޚިލާފަތެއް' އުފައްދައިގެން ވެރިކަންކުރި ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) ގެ ދަށުގައި އޮތް ސަރަހައްދު ކުޑަވަމުން ގޮސް މިހާރު އެމީހުން ތިބީ ސީރިޔާއާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އަކަ ކިލޯމީޓަރެއްހާ ސަރަހައްދެއްގައި ހިސާރުވެފައެވެ.

އިރުމަތީ ސީރިޔާގެ ދޭރައްޒޫރް ޕްރޮވިންސުގެ ބާޣޫޒް އަވަށުން އެމީހުން ބޭރުކުރުމަށް އެމެރިކާގެ ތާއީދާއެކު ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިން 'އެންމެ ފަހު' ހަމަލާ ދޭން ފަށާފައިވާއިރު އެރަށުން ސަލާމަތަށް އެދިގެން ނުކުންނަ އާއްމުންގެ ތެރެއިން ހިތްދަތިކުރުވާ މަންޒަރުތަކެއް ފެންނަމުންދާ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ.

އޭގެތެރޭންވެސް ފާހަގަކޮށްލެވެނީ ޒަޚްމްވެފައިވާ ހާލު، ބަލަދުވެރިއަކު ނެތި އެކަނިވެފައިވާ ކުޑަކުދީންނެވެ. ބައެއް ކުދީންގެ މައިންބަފައިން ހަނގުރާމައިގައި މަރުވެފައިވާއިރު، އަނެއްބައި ކުދީންގެ މައިންބަފައިން ވަނީ އެހެން ބަޔަކު ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ.

އިސްލާމިކް ސްޓޭޓްގެ ފަހު ރަށުން ޒަޚަމްވެފައިވާ ހާލު އެކަނި ފިލައިގެން ނުކުން އެއް ކުއްޖަކީ ޙާރިޘު ނަޖްމެވެ. އިރާގުގެ ޔަތީމުވެފައިވާ މިކުއްޖާގެ މައިންބަފައިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ދިން ހަމަލާތަކެއްގައި މަރުވެފައެވެ.

"އަހަރެންގެ ދެ ބޭބެއިންނާއި، އަންހެން ކޮއްކޮއަކު ތިބި. އެ އެންމެން ވަނީ މަރުވެފައި. އަހަރެން އުޅެމުން ދިޔައީ އެކަނި." ލޮލުން ކަރުނަ ފައިބާ ހާލު ނޫސްވެރިއަކަށް އޭނާގެ ވާހަކަ ކިޔާދެމުން ޙާރިޘު ބުންޏެވެ. "އަހަރެންގެ އަންހެން ކޮއްކޮ... އޭނާދެކެ އަހަރެން ވަރަށް ލޯބިވިން. އަހަންނާއެކު އޭނާ ބާޒާރަށް ވެސް ގެންދިޔައިން." އޭނާ ބުންޏެވެ.

ޒަޚަމްވެ ބޮލުގައި ބޭންޑޭޖު އަޅާފައިވާ ހާލު، ގެރި ގާޑިޔަލެއްގެ ފަހަތުގައި އޭނާ އޮތްއިރު އޭނައާ ޖެހިގެން ދެން އޮތީވެސް އޭނާ ފަދައިން ޒަޚްމެވައިފާ އެކަނިވެރި ފިރިހެން ކުއްޖެކެވެ.

މިހާރު އުމުރުން 16 އަހަރުވެފައިވާ ޙާރިޘަކީ އިސްލާމިކް ސްޓޭޓްގެ ދަށުގައި އޮތް ފަހު ރަށް ހިފުމަށް ކުރާ ހަނގުރާމައިން ސަލާމަތްވާން ވެގެން ނުކުތް ކުދިންގެ ތެރެއިން ކުއްޖެކެވެ. އޭނާގެ އާއިލާ ގެއްލި އޭނާ އެކަނިވީއިރު އުމުރުން އެންމެ 11 އަހަރެވެ.

މިހާރު ބާޣޫޒް ދޫކޮށް ނުކުންނަމުންދާ ކުދިންގެ ތެރޭގައި އިސްލާމިކް ސްޓޭޓާއެކު ހަނގުރާމަގައި ބައިވެރިވާން ބޭރު ގައުމުތަކުން އައި މީހުންގެ ކުދިންނާއި، އާއިލާ މީހުން މަރާލުމަށް ފަހު އިސްލާމިކް ސްޓޭޓުން ހިފަހައްޓައިގެ ގެންގުޅުނު ކުދިންނާއި، 'ޚިލާފަތުގެ ޅަ ހަނގުރާމަވެރިން' ގެ ނަމުގައި ހަނގުރާމައިގައި ބައިވެރިކޮށްގެން އުޅުނު ކުޑަކުދިންނާއި، އިސްލާމިކް ސްޓޭޓު އަޅުވެތިކޮށް ގެންގުޅުނު އިރާގުގެ ޔަޒީދީ ދަރިކޮޅުގެ ކުދިން ހިމެނެއެވެ.

ހަނގުރާމައި ސަލާމަތް ވާން މިފަދައިން ނުކުންނަ ކުދިން ޒަޚަމްގެ ސަބަބުންނާއި ގަދަ ފިނީގެ ސަބަބުން މަރުވަމުންދާކަން އދ.ން ވަނީ ފާހަގަކޮށްފައެވެ. ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ހަނގުރާމައިން ސަލާމަތްވާން ނުކުތް 84 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައިން ތިބީ ކުޑަކުދީންކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.