ކުޑަކުދިންނަށް އިހުމާލުވެގެން 48 މައްސަލަ ޖެނުއަރީމަހު ހުށަހަޅާފައިވޭ: ޖެންޑަރ

ކުޑަކުދިންނަށް އިހުމާލުވެގެން 48 މައްސަލަ މިއަހަރު ޖެނުއަރީމަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ ކުރިއާ އަޅާބަލާއިރު 47 އިންސައްތަ އިތުރު ޢަދަދެކެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ހުސްވި ޖެނުއަރީމަހު ކުޑަކުދިންނާ ގުޅުންހުރި ޖުމްލަ 274 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރަށް "ޖިންސީ ހާނީއްކައިގެ 28 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 21 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ 7 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ."

އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ 14 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 12 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 2 މައްސަލަ ހިމެނެއެވެ. ޢާއިލީ މައްސަލަތަކުގެ 47 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.  އޭގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 27 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 12 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ކުޑަކުދިން ކުށްކޮށްގެން ވެސް ވަނީ މައްސަލަތައް ހުށަހެޅިފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 8 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 6 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.