ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ އެންމެ ވާދަވެރިކަން ބޮޑު އެއްދާއިރާ ކަމަށްވާ މައްޗަންގޮޅީ އުތުރު ދާއިރާއަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުވެސް ކުރިމަތި ލައްވަން ނިންމައިފިއެވެ.
މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅީ އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާނެކަން އިއުލާނު ކުރެއްވިއިރު ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަން ކޮމިޝަނުން އިތުރު ކުރުމުގެ ކުރިން މަޖިލީހަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅުވެސް ނުކުރައްވައި އަދި ކެމްޕޭންވެސް ނުކުރައްވައި ހުންނެވި އާދަމް މަނިކު ކުއްލިއަކަށް މާލޭގެ ދާއިރާއަކަށް ނުކުންނަވަން ނިންމެވި ދާއިރާއަކީ ސިޔާސީ ގޮތުން ޕާޓީ ތަކުގެ ވާދަވެރިކަން ބޮޑު ދާއިރާއެކެވެ.
މާލެ ސިޓީ ކައުންސިލުގެ ފުރަތަމަ މޭޔަރުކަން ކުރެއްވި އާދަމް މަނިކު އަމިއްލަ ގޮތުން ކުރިމަތި ލައްވަން ނިންމެވި މައްޗަންގޮޅީ އުތުރަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މާލެ ސިޓީ ކައުންސިލުގައި އެދާއިރާގެ މެމްބަރުކަން މިހާރުވެސް ތަމްސީލު ކުރައްވާ ބޮޑުގަލު މުޙަންމަދު ރަޝީދު އާއި ކުރީގެ ރައީސް މައުމޫނުގެ ޕާޓީން ވާދަކުރައްވާ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫންގެ އިތުރުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޓީވީ ޕްރެޒެންޓަރު ޖަމީލާ އަލީވެސް ހިމެނެއެވެ. މީގެއިތުރުން އެ ދާއިރާއަށް މިއްލަގޮތުންވެސް ދެކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ މުޙަންމަދު ޖަމީލް އާއި އައިމިނަތު ޝިރުނާއެވެ.
ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުގައި ސަރަނގު އާދަމް މަނިކަކީ ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅެކެވެ. ސިޓީ ކައުންސިލުގެ މޭޔަރުކަންވެސް އޭރު ކުރެއްވި އާދަމް މަނިކު ވަނީ ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ވަނަ ދުވަހު ވެއްޓުނުތާ ގިނަދުވަސް ތަކެއްނުވެ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.