ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޒިންމާ އަދާކޮށްގެން ނޫނީ މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިޔަސް މަދުކުރުމަކީ ވާނެކަމެއް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މަގުމަތީގެ ހޭލުންތެރިކަމަށް ހޭލުންތެރި ކުރުވުމަށް މިއަދު ސަރުކާރުން ފެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ނުރައްކާރި އެކްސިޑެންޓްތައް މަދު ކުރުމަށް އެންމެ ފުރަތަމަ ކޮންމެ މީހަކުވެސް އެމީހާގެ ޒިންމާ އަދާކުރަންވީއެވެ. މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އާއި ފުލުހުންނާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހަރަކާތްތައް ހިންގިދާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އެންމެ ފުރިހަމަ ނަތީޖާ އަންނާނީ ފަރުދީ ޒިންމާ ފުރިހަމައަށް އާންމުންވެސް ފުރިހަމަކުރުމުންނެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު މާލެ އާއި ހުޅުމާލެ ބްރިޖުގައި ގިނަ އަދަދަކަށް އަންނަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުންނެވެ. ފުލުހުން ބްރިޖުގައި ޗެކްޕޮއިންޓް ގާއިމް ކޮށްގެން ތިއްބަސް ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވައިގެންނެވެ. ބްރިޖުގައި ހިނގާފައިވާ ބަޔެއް އެކްސިޑެންޓްތަކުގައި ގިނަމީހުންނަށް ވަނީ ބޮޑެތި އަނިޔާތައްވެސް ލިބިފައެވެ.