ނައިބު ރައީސް ހިރިލަންދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި، ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ބައްތި ނުޖަހާތީ ދިމާވަމުންދާ ދަތިތަކާއި، މަސްވެރިންނަށް އިތުރު ކަނދުފައްޗެއް ބޭނުންވާކަން ހާމަކުރައްވައި ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ މައްސަލަ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ބޭސްފިހާރައިން ބޭސް ލިބެން ނުހުންނަ މައްސަލަ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަ ފުޅުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލުން ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހިރިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެއްވެސް ރަށެއް ތަރައްޤީގެ ލިސްޓުން ބާކީ ނުވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.