ހެލިކޮޕްޓަރެއް ވެއްޓި، ނޭޕާލުގެ ޓޫރިޒަމް މިނިސްޓަރު އަވަހާރަވެއްޖެ

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި ޓޫރިޒަމް މިނިސްޓަރު ރަބިންދްރަ އަދިކާރީ

ނޭޕާލުގެ އިރުމަތީގައި ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ރަބިންދްރަ އަދިކާރީ އަވަހާރަވެއްޖެ ކަމުގައި ހޯމް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. އަދި އިތުރު ހަ މީހަކުވެސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އިރުމަތީ ރަށެއް ކަމުގައިވާ ޓަޕްލެޖުންގް އިން ފުރައިގެން ޓެރާތަމް އަށް 7 މީހުންނާއެކު މިއަދު ހަވީރު ދަތުރުކުރި އެއާ ޑައިނާސްޓީގެ ހެލިކޮޕްޓަރު ވެއްޓުނީ ޖަންގަލީގެ ސަރަހައްދަކަށް ކަމަށް ވެއެވެ. އެއާ ޑައިނާސްޓީއަކީ ނޭޕާލުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭ އަމިއްލަ ކުންފުންޏެކެވެ.

އުމުފުޅުން 49 އަހަރުގެ އަދިކާރީގެ ހަށިކޮޅު މިހާރު ވަނީ ފެނިފައެވެ. އަދި ޕައިލެޓާއި އަނެއް 5 ދަތުވެރިންގެ ހަށިތައްވެސް ފެނިފައިވާ ކަމަށް ވެއެވެ.

"އިއްޒަތްތެރި މިނިސްޓަރުގެ ހަށިކޮޅު ވަނީ ދެނެގަނެވިފައި." ހޯމް މިނިސްޓްރީގެ ތަރުޖަމާނު ރާމް ކްރިޝްނާ ސުބޭދީ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައި ވެއެވެ.

ވެއްޓުނު ހެލިކޮޕްޓަރުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރަށް  ތިބީ ވައިގެ ދަތުރުފަތުރުގެ މަހުޖަނު އަދި ޔެޓީ އާއި ހިމާލަޔަން އެއާލައިންސްގެ ވެރިޔާ އާންގް ޗްރިންގް ޝޭރްޕާއާއި، ބޮޑުވަޒީރު ކޭޕީ އޮލީގެ ޕްރައިވެޓް ސެކްރެޓަރީ ޔުވްރާޖް ދަހާލްއާއި، ސަރުކާރުގެ އެހެން ތިން މަސްއޫލުވެރިއަކާއި ޕައިލެޓް ޕްރަވަކާރް ކޭސީ އެވެ. ހެލިކޮޕްޓަރު ވެއްޓުނުތާ މާގިނަ އިރެއް ނުވެ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ވެއްޓުނު ތަނަށް ގޮސްފައެވެ.

ޚަބަރުތައް ބޮނާ ގޮތުގައި ޓޫރިޒަމް މިނިސްޓަރާއި އެހެން ބޭފުޅުން އެސަރަހައްދަށް ދަތުރުކުރެއްވީ އެ ސަހަރައްދުގައި އަލަށް ހަދަމުންދާ އެއާޕޯޓެއް ބައްލަވައިލެއްވުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.