މަރުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ބާޠިލްކޮށްފި

medium_45465

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން މަރުގެ އަދަބު ތަންފީޒު ކުރުން ފަސް ކުރަން އެކޯޓުން ނެރުނު އަމުރު ސުޕްރީމްކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަދަބު ދޭ ގޮތަށް ސުޕްރީމް ކޯޓުން ވަނީ ދެ ހުކުމެއް ކޮށްފައިކަމަށެވެ. އެހެންކަމުން އެ ޙުކުމްތައް އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ދަށުކޯޓަކަށް ލިބިގެންނުވާކަމަށެވެ. ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެހެންވެ ހައި ކޯޓުން ކުރި އަމުރަކީ އޭގެ ޒާތުގައި ވެސް ބާތިލް، އަދި ޝަރުއީ، ގާނޫނީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވާއިދުގެ ދުސްތޫރީ ހައިސިއްޔަތާ މެދު އެއްވެސް ކޯޓެއްގައި ގާނޫނީ ގޮތުން ގޮންޖެހޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށާ، އެ ގަވާއިދާ މެދު ޗެލެންޖުކޮށް، އެ މައްސަލަ ހައި ކޯޓަށް ބަލައިގަނެ، އެ ގަވާއިދުގެ ބައެއް ތަންފީޒު ކުރުން ހުއްޓުވި ހުއްޓުވުމަކީ ބާތިލް ނިންމުމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ މި ބަޔާނުގައި ކުރައްވާފައިވާ އަމުރާ އެކު ހައި ކޯޓުން ބަލަމުން ގެންދިޔަ މި މައްސަލަ ދެން އިތުރަށް ބެލުމުގެ ފުރުސަތު އެކޯޓަށް ބަންދުވީއެވެ.

ސުޕްރީމްކޯޓުން ނިހާއީ މަރުގެ ޙުކުމް އިއްވާފައިވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތުގެ މައްޗަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.