އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

އައްޑޫސިޓީގެ އަވަށްތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކަށް ހުއްދެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދާ އެއްގޮތަށް ކަމަށެވެ.

ސައިހޮޓާތަކާއި ރެސްޓޯރަންޓާއި ކެފޭ އަދި އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން އެ ޚިދުމަތް ދެއްވަން ބޭނުންފުޅު ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހެނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެ ފޯމަކީ އެކަމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފޯމެކެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަނަކީ ބޭރުން ބަލާއިރު ސާފުކޮށް އެތެރެ ފެންނާނެ ގޮތަށް އަލިކުރެވިފައިވާ ތަނަކަން ވާންޖެހެއެވެ. އަދި އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނަކަށް ވެސް ވާންޖެހެއެވެ. "އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި  ހިންގާ ތަނަކަށް" އެތަނެއް ވާންޖެހޭ ކަމަށް ވެސް އައްޑޫ ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

މިޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުން، އެހުއްދަ ދޫކުރެވޭ ތަނަކީ މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ތަނެއްކަން ބަލައި ކަނޑައަޅާނީ ކައުންސިލުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެއީ ޝަރުތުހަމަވާ ތަނެއް ކަމަށްވާނަމަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ދެ ހާސްރުފިޔާގެ ފީއެއް މީރާއަށް ދައްކަންޖެހެއެވެ. "ހުއްދަ ދެވޭ މުއްދަތަކީ، އެހުއްދަ ދޫކުރާ ތާރީޚުން ފެށިގެން 2 އަހަރުދުވަހެވެ. އަދި ހުއްދަ ލިބޭ ތަންތަނުގައި، އެކަން އަންގައި '24/7' މިހެން ލިޔެފައިވާ ބޯޑެއް ވިޔަފާރިކުރާ އިމާރާތުގެ ބޭރަށް ފެންނާނެހެން ބަހައްޓަން ޖެހެއެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.