ނައިޖީރިޔާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން އެގައުމުގެ މިހާރުގެ ރައީސު މުހައްމަދު ބުހާރީ ހަތަރު އަހަރުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.
އުމުރުފުޅުން 76 އަހަރުގެ ބުހާރީ އިންތިޚާބު ކާމިޔާބުކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ނާއިބު ރައީސު އަތީކޫ އަބޫބަކަރް ހަތަރު މިލިއަން ވޯޓުގެ ތަފާތުން ބަލިކުރައްވައިގެންނެވެ. ބުހާރީ %56 ވޯޓު ހޯއްދެވިއިރު އަބޫބަކަރަށް ލިބިވަޑައިގަތީ %40 ވޯޓެވެ.
ނައިޖީރިޔާގެ އިންޑިޕެންޑެންޓް ނޭޝަނަލް އިލެކްޝަން ކޮމިޝަން (އިނެކް) އިން ހާމަކުރި ނަތީޖާތަކުން ދައްކާގޮތުގައި ރައީސު ބުހާރީގެ ޕާޓީ އޯޕް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ) އިން ވަނީ 36 ސްޓޭޓުގެ ތެރެއިން 19 ސްޓޭޓް ކާމިޔާބުކޮށްފައެވެ. އަބޫބަކަރުގެ ޕާޓީ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އަށް ލިބުނީ 17 ސްޓޭޓާއި ވެރިރަށް އަބޫޖާއެވެ.
މަހުޖަނު އަދި ކުރީގެ ނާއިބު ރައީސު އަތީކޫ އަބޫބަކަރުގެ ޕާޓީ ޕީޑީޕީން ވަނީ ނަތީޖާ "ނުބައި އަދި ގަބޫލުނުކުރެވޭ" ކަމަށް ބުނެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. ނަތީޖާ އިއުލާންކޮށް ނިމުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޕީޑީޕީގެ ޗެއާމަން އުޗޭ ސެކޮންޑަސް ވިދާޅުވެފައި ވަނީ ވޯޓު ގުނުން ހުއްޓާލަން ޖެހޭކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ވޯޓުލާ ކާޑުގެ ޑާޓާއާ ވަނީ ކުޅެފައެވެ.
އިދިކޮޅު ޕީޑީޕީގެ ތުހުމަތުތަކަށް ރައްދުދެމުން ވެރިކަންކުރާ ޕާޓީ އޭޕީސީން ބުނެފައި ވަނީ، ޕީޑީޕީން މަސައްކުރަމުން ދަނީ ވޯޓުގެ ނަތީޖާއާމެދު ޝައްކު އުފައްދައި ގައުމު ދަސްތޫރީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށް ކަމުގައެވެ.
އިންތިޚާބު ބޭއްވި އިރު އެފްރިކާގެ އެންމެ ބޮޑު އިގްތިސާދު އޮތް، އަދި އެންމެ ގިނަ ތެޔޮ އެކްސްޕޯޓުކުރާ ގައުމު ނައިޖީރިއާ ކުރިމަތިވެފައި ހުރި މައްސަލަތައް ގިނައެވެ. ބޭނުންވަރަށް ކަރަންޓު ނުއުފެއްދުމާ، ކޮރަޕްޝަނާ، ރައްކާތެރިކަން ނެތުމާ، އިގްތިސާދީ މަސައްކަތްތައް ހުއްޓުމަކީ މީގެ ތެރެއިން ބައެއް މައްސަލަތަކެވެ.
ނައިޖީރިއާއަކީ އެފްރިކާގައި އެންމެ ގިނައިން އެކްސްޕޯޓުކުރާ ގައުމު ކަމުގައި ވިޔަސް، ތެލުން ލިބޭ ފައިސާ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓުނުކުރުމާ، ކޮރަޕްޝަނުގެ ސަބަބުން ގައުމުގެ ތަރައްގީ ވަނީ މަޑުޖެހިފައެވެ.
ކުރީގެ ސިފައިން ޖެނެރަލް މުހައްމަދު ބުހާރީ ވަނީ 1980 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބަކަށް ފަހު 20 މަސްދުވަހު އެގައުމުގެ ވެރިކަން ކުރައްވާފައެ. އެއަށްފަހު ސިޔާސީ މައިދާނާ ދުރުގައި ހުންނެވުމަށް ފަހު 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
198 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނައިޖީރިޔާއަކީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އަދި އެފްރިކާގެ އެންމެ ބޮޑު އިސްލާމީ ގައުމެވެ. އެގައުމުގެ އާބާދީގެ %50 އަކީ މުސްލިމުންނެވެ.