ހަރުކަށިކަން އިސްކޮށް ޤައުމުގެ ހަމަޖެހުން ނަގައި ނުލުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ހަރުކަށިކަން އިސްނުކުރުމަށާއި، ޤައުމުގެ ހަމަޖެހުން ނަގައިނުލުމަށް، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ "ދަ ނޭޝަނަލް ހައި ލެވެލް ޑައިލޮގް އޮން ޕްރޮމޯޓިން ޕީސް އެންޑް ސެކިއުރިޓީ" ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށްދާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ "ހަރުކަށި ފިކުރުތަކަށް ތަބާވެ އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމަތަކުގައި ބައެއް ދިވެހީން ބައިވެރިވެ ޓެރަރިޒަމްގެ ޢަމަލުތައް ހިންގަމުންދާކަމީ މުޅި ދިވެހި މުޖްތަމަޢަށް ލިބޭ ވަރަށް ބޮޑު ދެރައެއް. މިއީ ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙައަށާއި އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 35 އިންސައްތައަށްވުރެ ގިނައީ، އުމުރުން 35 އަހަރުން ދަށުގެ ޒުވާނުން ކަމަށާއި، އެމީހުންގެ ފިކުރަކީ ޤައުމު ބިނާކޮށްދޭ ފިކުރަކަށް ހެދުމަކީ އެންމެހާ ރައްޔިތުންގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރީން ތަރުބިއްޔަތުކުރުމުގައި އިހުމާލުވުމުގެ ސަބަބުން، ދިވެހީންގެ ތެރޭގައި އުފެދިގެން ނުވާނޭ ޚިޔާލު ތަފާތުވުންތަކެއް ވަނީ ދިވެހީންގެ ތެރޭގައި އުފެދެން ފަށާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެންމެންވެސް އެދެނީ، ޞުލްޙަ މަސަލަސްކަމާއެކު ހަމަޖެހިގެން ދިރިއުޅެން. ސަރުކާރުން ކުރާ ކޮންމެ ކަމަކުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއަކީވެސް، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެއިން ވިއްކަނީ ވެސް ހަމަޖެހުމާއި އަމާންކަން ކަމަށެވެ. "ދޮންވެލީގެ ގޮނޑުދޮށްތަކުގެ ސާފުކަމަށް ވުރެވެސް، ސާފު ހިތްތަކެއްގެ ވެރި ބަޔަކު ދިރިއުޅޭ ޖަޒީރާތަކެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރާއްޖެ މަޝްހޫރުވެފައިވަނީ ވެސް ރާއްޖޭގެ ޞުލްޙަ މަސަލަސް ޤައުމެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ޞުލްޙަޔަށް ލޯބިކޮށް އެކުވެރިކަމާއި އޯގާތެރިކަމާއެކު ދިރިއުޅެމުން އައި ބައެއް. އަޅުގަނޑުމެންގެ މެދުގައި ނަސްލީ ތަފާތުތަކެއް ނެތް. ސަގާފީ ފުށުއެރުންތަކެއް ނެތް. ޢަޤީދާގެ ބައިބައިވުމެއް ނެތް. ހަމައެފަދައިން މޮށެއުޅޭ ބަހުގެ ތަފާތުތަކެއްވެސް ނެތް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިރާއްޖޭގެ ކޮންމެ ޖަޒީރާއެއް ނުވަތަ ރަށަކީ ތިމާގެ އަމާނާތެއް ކަމަށް ދެކިގެން އެއަށް ވަފާތެރިވުމަށެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކާއި ކައުންޓަ ޓެރަރިޒަމް ސެންޓަރ ގުޅިގެން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންނަށް އުފާވެރި ޞުލްޙަވެރި ދިރިއުޅުމެއް ހޯދައިދިނުމަށް" ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.