އީރާނުގެ ޚާރިޖީ ވަޒީރު ޖާވޭދު ޒަރީފު ކުއްލިގޮތަކަށް އިސްތިއުފާދެއްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖާވޭދު ޒަރީފު ކުއްލިގޮތަކަށް އިސްތިއުފާދެއްވައިފިއެވެ. 2015 ވަނަ އަހަރު އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ހެދި ނިއުކުލިއާ އެއްބަސްވުމުގެ މޭސްތިރި ޒަރީފަކީ އެމެރިކާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

"ފާއިތުވި 67 މަހު އީރާނުގެ ލޮބުވެތި ހިތްވަރުގަދަ ރައްޔިތުންނާއި، ވެރިންގެ ފަރާތްޕުޅުން ފެނުނު ދީލަތިކަމަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އަހަރެންނަށް ޚިދުމަތުގައި ކުރިއަށް ދެވެން ނެތްކަމަށްޓަކައްޔާއި، އަހަރެންގެ ޚިދުމަތުގެ ދުވަސްވަރު އެންމެ ރަނގަޅަށް ނުކުރެވުނު ކަންކަމަށްޓަކައި އިޚުލާސްތެރިކަމާއެކު މާފަށް އެދެން." އޭނާގެ ރަސްމީ އިންސްޓަގްރާމް ސަފުހާގައި އިސްތިއުފާ އިއުލާންކުރައްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައި ނުވެއެވެ. އަދި އީރާނުގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ޒަރީފު އިސްތިއުފާދެއްވާފައިވާކަން ކަށަވަރު ކޮށްދެއްވާފައިވާކަމުގައި ފާރިސް ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ރައީސު ޙަސަން ރޫޙާނީގެ އޮފީހުގެ ޑިރެކްޓަރު މަޙްމޫދު ވާއިޒީ ކުރެއްވި ޓްވީޓެއްގައި ވަނީ ޖާވޭދު ޒަރީފުގެ އިސްތިއުފާ ރައީސު ރޫޙާނީ ގަބޫލުފުޅުކުރައްވާފައި ނުވާކަމުގައެވެ. ވާއިޒީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރައީސު ރޫޙާނީ، ޒަރީފުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށް ބުނެ ފަތުރަނީ ސައްހަ މައުލޫމާތެއް ނޫނެވެ.

އީރާނުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނާގޮތުގައި ޖާވޭދު ޒަރީފު ޚާރިޖީ ވަޒީރުކަމުން އިސްތިއުފާދެއްވީ އިއްޔެ ސީރިޔާގެ ރައީސު ބައްޝާރު އަލްއަސަދު ތެހެރާނަށް ކުރެއްވި ކުއްލި ދަތުރުފުޅާ ގުޅިގެންނެވެ.

"މިއަދުގެ ވާހަކަތަކުގައި ނެގި ފޮޓޯތަކަށް ފަހު، ޖާވޭދު ޒަރީފު ޚަރީޖި ވަޒީރުގެ ގޮތުގައި ހުރުމުގެ މާނައެއް ދުނިޔެއަށް ނެތް." ކަމުގައި ޖާވޭދު ޒަރީފު ވިދާޅުވިކަމަށް އީރާނުގެ 'އިންތިޚާބު' ވެބްސައިޓުގައި ބުނެފައި ވެއެވެ.

ޒަރީފުގެ ވާހަކަފުޅުގައި އެ އިޝާރާތްކުރައްވާ 'ވާހަކަތަކަކީ' ސީރިޔާގެ ރައީސު ބައްޝާރުލް އަސަދާއި، އީރާނު ރައީސު ޙަސަން ރޫޙާނީއާއި، އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޚާމަނައީގެ މެދުގައި ބޭއްވި ވާހަކަތައް ކަމުގައި ބެލެވެއެވެ.

ޖާވޭދު ޒަރީފަކީ އީރާނު ސަރުކާރުގައި ތިއްބެވި ހުޅަނގާ ގުޅޭ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާގެ އިސްތިއުފާ ވެގެންދާނީ އީރާނުގެ ޑިޕްލޮމެސީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމަކަށެވެ.

1960 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުޙައްމަދު ޖާވޭދު ޒަރީފު ތައުލީމު ހާސިލުކުރައްވާފައިވަނީ އެމެރިކާގެ ސެންފްރެންސިސްކޯއާއީ ޑެންވާގައެވެ. އޭނާ ވަނީ އދ. ގައި ހުންނަ އީރާނުގެ މިޝަނުގައި 25 އަހަރު ހޭދަކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.