އެމެރިކާ ސިފައިންނަށް ދީފައިވާ ޑިއޭގޯ ގާސިޔާ (ފޯޅަވަހި) ގެ އަސްކަރީ މަރުކަޒު ހިމެނޭ ޗާގޯސް އައިލެންޑްސްގެ ރަށްތަކުން ވީހާ އަވަހަކަށް އިނގިރޭސިން "ވީ އެންމެ އަވަހަކަށް" ފައިބައި މޮރިޝަސްއަށް އެރަށްތައް އަނބުރާ ދޭންޖެހޭކަމަށް އދ. ގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައީސީޖޭ) އިން ހޯމަ ދުވަހު ބުނެފިއެވެ.
އެ ކޯޓުން ނެރުނު "ގާނޫނީ ލަފައެއް" ގައި ފަނޑިޔާރުން ބުނެފައި ވާގޮތުގައި 1960 ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން އެރަށްތައް މޮރިޝަސްއާ ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށެވެ. މޮރިޝަސްއިން ބުނާގޮތުގައި 1965 ވަނަ އަހަރު ޗާގޯސް އައިލެންޑް އިނގިރޭސިވިލާތަށް ދޫކޮށްލީ މިނިވަންކަން ހޯދުމަށްޓަކައި މަޖުބޫރުވެގެންނެވެ. މޮރިޝަސް އިނގިރޭސިންގެ ދަށުން މިނިވަންވީ 1968 ވަނަ އަހަރުއެވެ.
މި ނިންމުމާ ގުޅިގެން އިނގިރޭސި ޚާރިޖީ ވުޒާރާއިން ބުނެފައި ވަނި އެއީ ގާނޫނީ ލަފައެއް ކަމަށާއި އެއަށް އަމަލުކުރަން ޖެހޭ ހުކުމެއް ނޫން ކަމަށެވެ. އަދި "ފަރުވާތެރިކަމާއެކީ" އެ ލަފާގެ ތަފްސީލު ބަލަމުންދާ ކަމަށެވެ.
އިނގިރޭސިވިލާތުން މީގެ ކުރިން ބުނެފައި ވަނީ އެރަށްތަކުގެ ދިފާއީ ބޭނުން ކެނޑުނު ދުވަހަކުން އެރަށްތައް އަނބުރާ މޮރިޝަސްއަށް ދޭނެކަމަށެވެ.
އައީސީޖޭގެ ނިންމުމަކީ ގާނޫނީގޮތުން އަމަލުކުރުން މަޖުބޫރު ނިންމުމަކަށް ނުވިޔަސް އެއީ އޭގެ ވަރަށް ބުރަދަން ހުރި ނިންމުކަށް ވާނެއެވެ. ޗާގޯސް އައިލޭންޑްސްގެ މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އަރައިރުމާމެދު އދ. ގެ އެކޯޓުގެ ލަފަޔަކަށް އދ.ގެ އާއްމު މަޖިލީހުން އެދިފައި ވާތީއެވެ. އެއީ 2017 ވަނަ އަހަރުގެ ޖޫން މަހު ފާސްކުރި ގަރާރަކުންނެވެ.
މޮރިޝަސްއާ 2000 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އައިލޭންޑްސް އެގައުމުން ވަކިކޮށް އިނގިރޭސި ސިޔާދަތު އޮންނަ ތަނަކަށް 1965 ވަނަ އަހަރު ހެދީ މޮރިޝަސްއަށް 3 މިލިއަން ޕައުންޑު ދީފައެވެ. އަދި އެރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ޑިއޭގޯ ގާސިޔާގައި އަސްކަރީ މަރުކަޒެއް ހަދަން އެރަށުގައި އުޅުނު 2000 މީހުން 1968 ވަނަ އަހަރާއި 1973 ވަނަ އަހަރާ ދެމެދު އިނގިރޭސިވިލާތާއި، މޮރިޝަސްއާއި ސީޝެލްސްއަށް ފޮނުވާލާފައި ވެއެވެ.
"ޔުނައިޓެޑް ކިންގްޑަމުން ޗާގޯސް އާކިޕެލަގޯގެ މައްޗަށް ހިނގާ ވެރިކަމް ވީ އެންމެ އަވަހަކަށް ދޫކޮށްލައި، މޮރިޝަސްއަށް އިސްތިއުމާރުން ސަލާމަތްވުމުގެ ފުރަސަތު ދިނުމަކީ އެގައުމުގެ މައްޗަށް ލާޒިމުކަމެކެވެ." އިސް ފަނޑިޔާރު އަބްދުލްޤަވީ އަޙްމަދު ޔޫސުފު އިއްވެވި ނިންމުމުގައި ވެއެވެ.
މި ނިންމުމަށް ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމު ނުވިނަމަވެސް، މިއީ އިނގިރޭސިންނަށް ސިހުން ލިބުނު ނިންމުކަށް ވާނެއެވެ.