މިނިވަންދުވަހާގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށަނީ

Opp

މިނިވަންކަމަށް 51 އަހަރު ފުރުން ފާހަގަ ކުރުމުގެގޮތުން ސަރުކާރުން ބާއްވާ ރަސްމީ ޙަފްލާތަކާއި ރަސްމިއްޔާތުތަކުގެ އިތުރުން އެކިއެކި ޖަމާޢަތްތަކުން އިންތިޒާމުކުރާ ޙަރަކާތްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓައި 2016 ޖުލައި 25 ން 2016 31 ށް ސަލާމަތީ ޚާއްޞަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުމުގެ ރަސްމީ ޙަރަކާތްތަކުގެ ތެރޭގައި ސަރުކާރުން އިންތިޒާމުކޮށްގެން މާލެ އާއި ހުޅުމާލޭގައި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިޔަށް ގެންދާއިރު އެ ޙަރަކާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ މުއައްސަސާއިން ހަމަޖައްސާފައިވާ އިންތިޒާމުތަކާއި، މިނިވަންދުވަހާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކުގައި މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ރަށުތެރޭގެ މަޞްލަޙަތު ދަމަހައްޓައި އަމާން ކަން ޤާއިމް ކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ އޮޕަރޭޝަނަލް ބްރީފިންގ އިއްޔެ ވަނީ ދެއްވާފައެވެ.

އިސްކަންދަރު ކޮށީގައި އޮތް ޚާއްޞަ ބައްދަލުވުމެއްގައި މިނިވަން 51 ގެ އޮޕަރޭޝަނަލް ބްރީފިންގ ދެއްވާފައިވަނީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދުއެވެ. އޮަޕަރޭޝަނަލް ބްރީފިންގ ދިނުމަށް ބޭއްވި މި ބައްދަލުވުމުގައި، މިނިވަން ދުވަހުގެ އޮޕަރޭޝަންގައި ފުލުހުންގެ އެކި ގުނަންތަކުން އަދާކުރަން ހަމަޖެހިފައިވާ ދައުރު އޮޅުންފިލުވައި ދެއްވައި އެކިއެކި ޙަރަކާތްތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމުގައި ފުލުހުން ޙަރަކާތްތެރިވާނެ ގޮތުގެ ތަފްޞީލް ވަނީ ދެއްވާފައެވެ. އަދި އެކިއެކި ޙަރަކާތްތަކާ ގުޅިގެން ފުލުހުން ޑިޕްލޯއީ ކުރާނެ ވަގުތުތަކާއި ޢާއްމު ޙާލަތުގައި އަދި ޚާއްޞަ ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ގޮތުގެ ތަފްޞީލްވެސް މި ބައްދަލުވުމުގައި ޗީފް އެސްޕީ ހަމްދޫން ރަޝީދު ވަނީ ދެއްވާފައެވެ. ޚާއްޞަ ގޮތެއްގައި މިނިވަންދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ ގިނަބަޔަކު ބައިވެރިވާ މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ފުޅަނދުބުރާއި މިއުޒިކްޝޯ ހިނގަމުންދާ ވަގުތުތަކުގައި ރައްޔިތުންގެ ރައްކާތެރިކަން އިތުރުކޮށް މަގުމަތީގެ ތަރީބު ދަމަހައްޓައި ރައްޔިތުންނަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއ ހަމަޖެއްސުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާ ގުޅިގެން ސަމާލުކަން ދޭންވީ ކަންތައްތައް ވަނީ އޮޅުންފިލުވައި ދެއްވާފައެވެ.

މީގެ އިތުރުން މިއަހަރު މިނިވަންދުވަހުގެ ބަންދުގެ ދުވަަސްތައް އިތުރުވެގެންދާތީ މިދުވަހާއި ގުޅިގެން އިންތިޒާމުކުރާ ރަސްމީ ޙަރަކާތްތަކާއި އެކިއެކި ޖަމާޢަތްތަކުން ހިންގާ ޙަރަކާތްތައް އިތުރުވެގެން ދާނެތީ އެކަމަށް ތައްޔާރުވެ ޚާއްޞަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ހަމަޖައްސާފައި މިވަނީ މިނިވަންދުވަހުގެ ޙަރަކާތްތަކުގައި ރައްޔިތުންނަށް އުފާ ފާގަތިކަމާއެކު ބައިވެރިވެ ހިތްހަމަޖެހުމާއެކު މިދުވަސްތައް ހޭދަކުރުމަށް ފުރުޞަތު އިތުރުކޮށްދިނުމުގެ ގޮތުންނެވެ. ހަމަ އެއާއެކު މިދުވަސްތަކުގައި ރަށުތެރެ ހަލަބޮލިވުން ކުޑަކޮށް ކުށުގެ ނުރައްކާތެރިކަން ނައްތާލައި ރައްޔިތުންނަށް މިނިވަން އަދި ރައްކާތެރި މާޙައުލެއް ދަމަހައްޓައި ދިނުމަށްޓަކައެވެ.

މިނިވަން ދުވަހާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި ސްޕެޝަލިސްޓް އޮޕަރޭޝަންސް އާއި، މާލޭސިޓީ ޕޮލިސް އާއި، މެރިން ޕޮލިސް އާއި، ޓްރެފިކް ޕޮލިސް އާއި، ޖެނެރަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓާއި، ހުޅުމާލެ ޕޮލިސް އާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި، ޕޮލިސް މެޑިކަލް ޑިޕާޓްމަންޓާއި ގަލޮޅު ޕޮލިސް އާއި މާފަންނު ޕޮލިސްގެ އިތުރުން ޕޮލިސް މީޑިއާ އިން ބައިވެރިވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.