ބޭރު މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެމީހަކަށް އެޗުއާރުއެޗުގައި ފަރުވާދެނީ

ރާއްޖެއިން ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދިނުމަށް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަށް މިރޭ ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ބޭރުކަނޑުން ދަތުރު ކުރަމުންދާ ރާއްޖޭއިން ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ދެމީހަކު އައްޑޫ ސިޓީ ހިތަދީ ރީޖަނަލް ހޮސްޕިޓަލަށް މިރޭ 19:35 ގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އެހީތެރިކަމާއެކު ވަނީ ގެނެސްދީފައި،" ކަމަށެވެ. އަނިޔާ ލިބިގެން އެޗުއާރުއެޗަށް ގެނެސްފައިވާ ދެމީހުންނަކީ ވެސް އިންޑޮނޭޝިއާގެ ދެމީހުންވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ މި ޙާދިސާ ހިނގިއިރު މަސްބޯޓު އޮތީ ރާއްޖެއާ 760 މޭލު ބޭރުގައި ކަމަށެވެ. އެހެންނަމަވެސް އަނިޔާވި މީހުންނަށް އިމަޖެންސީ ފަރުވާ ދިނުމަށްޓަކައި އެބޯޓުން ވަނީ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ރާއްޖޭގެ ސަރަޙައްދަށް ކައިރިކޮށްފައެވެ. އެމްއެންޑީއެފް ކޯސްޓުގާޑުގެ ލޯންޗު ބޯޓުކައިރިއަށް ގޮސް އެމީހުން ނަގައިގެން އެޗުއާރުއެޗަށް ގެނެސްދިނީ ބޯޓު ރާއްޖެއާ ކައިރި ކުރުމުންނެވެ. މިޙާދިސާގެ މަޢުލޫމާތު އެމްއެންޑީއަށް ފުރަތަމަ ލިބިފައިވަނީ މިމަހު 20 ވަނަ ދުވަހު ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ.

ޒަޚަމްވެގެން ގެނައި މީހުންނާ ބެހޭގޮތުން އެޗުއާރުއެޗުން ވިދާޅުވެފައިވަނީ ދެމީހުންނަށް ވެސް އެކިވަރުގެ ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޮލަށާއި ބުރިކައްޓަށާއި، އަތުގެ އެކިތަންތަން ވަނީ ޒަޚަމްވެފައި ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ދެމީހުންގެ ޙާލު ވެސް ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.