އާސަންދައާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

އާސަންދައާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ "ޑިސްޕެޗް" ކައުންޓަރެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިއަދު ގާއިމުކޮށްފިއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބެހެއްޓި ދެކައުންޓަރެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކައުންޓަރގެ ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްއެވެ.

މި ކައުންޓަރުގެ ސަބަބުން އާސަންދައާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އައިޖީއެމްއެޗްއިން ވެސް ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދައާއި އެންސްޕާގެ ފޯމުތައް ދޫކުރުމާއި، ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކޮށްދިނުން ހިމެނެއެވެ.

މި ޚިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ނޫސްވެރިންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދައާއި އެންސްޕާއިން ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން ނާޒުކު ޙާލަތުތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު އެއްތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީއާއި އާސަންދައިގެ އިތުރުން އެންސްޕާއާއި އައިޖީއެމްއެޗްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.