އާސަންދައާއި އެންސްޕާގެ ޚިދުމަތް ފަސޭހައިން ލިބެންޖެހޭ: ޝިދާތާ

މިނިސްޓަރ ޝިދާތާ ޝަރީފް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ ޖެންޑަރ މިނިސްޓްރީ

އާސަންދައާއި އެންސްޕާގެ ޚިދުމަތް ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގައި އާސަންދައާއި އެންސްޕާގެ ޑިސްޕެޗުކައުންޓަރ މިއަދު ބަހައްޓަވައި ޚިދުމަތް ފަށްޓަވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު އައިޖީއެމްޗުގައި ހުޅުވި ދެ ކައުންޓަރުގެ ސަބަބަނުން އާސަންދައާއި އެންސްޕާގެ ޚިދުމަތަށް ލުއިފަސާހަކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ އާސަންދައިގެ ޚިދުމަތަށް މީހުން ބޮޑަށް އެދެނީ ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމަށްވާތީ އެ ޚިދުމަތަކީ ވީހާ ވެސް ފަސޭހަގޮތަކަށް ލިބެންޖެހޭ ޚިދުމަތަކަށްވާންޖެހޭ ކަމަށެވެ. މިއަދު ހުޅުވި ދެ ކައުންޓަރުން ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ޚިދުމަތް ލިބޭނެއެވެ. މި ދެތަނުގެ ދައުރަކީ އާސަންދައާއި އެންސްޕާގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަނެ މައިއޮފީހަށް ފޮނުވުމާއި އެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ދިނުމެވެ. މީގެ އިތުރަށް ވެސް އެއާ ގުޅޭ އެހެން ޚިދުމަތް ވެސް އެތަނުން ފޯރުކޮށްދޭނެއެވެ.

ވަރަށްގިނަ މީހުން މިހާރުވެސް ގެންދަނީ އާސަންދަ ޚިދުމަތަށް އެދެމުންނެވެ. އެ ޚިދުމަތާބެހޭ ޞައްޙަ މަޢުލޫމާތު މިހާރަށްވުރެ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެހިފައިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ޚިދުމަތް ހޯދަން މަސައްކަތް ކުރާ މީހުން ބުނެފައިވެއެވެ. މިއަދު ހުޅުވި ކައުންޓަރުގެ ސަބަބުން އެކަމަށް ވެސް ޙައްލެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.