މިއަހަރު އެޕްރީލްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ އެކަށީގެންވާ މާޙައުލެއް ނެތްކަމަށް ބުނެ އިންތިޚާބު ފަސް ކޮށްދިނުމަށް ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އިންތިޚާބު ބޭއްވުން ފަސްކޮށް ދިނުމަށްއެދި އީސީގެ އިތުރަށް ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީއަކުން ދަންނަވާނެ ކަމަށެވެ. އެކަށީގެންވާ މިނިސްވަން މާޙައުލެއް ޤާއިމް ވުމުން އިންތިޚާބު ބޭއްވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން މާޙައުލެއްނެތް ކަމަށް އޭނާ ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުކޮށްފައިވުމުންނެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ބަންދުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ.
އެހެންނަމަވެސް ފުލުހުން ވަނީ މަނީ ލޯންޑްރިންގެ ތުހުމަތު ކޮށް އެމަނިކުފާނުގެ ތަޙުޤީގު ނިންމުމަށްފަހު ޕީޖީއަށް ފޮނުވައިފައެވެ. ޕީޖީން ވަނީ އެމައްސަލަ ކޯޓަށް ވެސް ވައްދައިފައެވެ. އަދުރޭ ވިދާޅުވީ އެބޭފުޅުންގެ ކޯލިޝަނުން މިހާރު ބޭނުންވަނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
އޭގެ އިތުރުން، އެ ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންގެ ނަން ނޯންނާނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
aav