ސިނަމާލެ ބުރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖުގެ ހައިވޭގެ 4 ލޭން ހިމެނޭ ސަރަޙައްދުގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. އެކްސިޑެންޓު ހިނގީ ދެ ސައިކަލް ހުޅުމާލެއިން މާލެ ދިޔަ މަގުމަތީގައެވެ.

ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ އަންހެނަކަށާއި، 54 އަހަރުގެ ފިރިހެނަކަށާއި، 50 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އޭގެ ތެރެއިން 20 އަހަރުގެ މީހާއާއި 21 އަހަރުގެ މީހާއާ ދެމީހުންނަކީ އެއް ސައިކަލެއްގައި ތިބި ދެމީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް ގައިގެ ތަންތަނަ މަށައިގެން ކުދިކުދި ޒަޚަމްތައް ވަނީ ވެފައެވެ. މީގެ ތެރެއިން 54 އަހަރުގެ މީހާއަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އަނެއް ތިން މީހުންނަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ބުރިޖުގައި އެކްސިޑެންޓުތައް ހިނގައި މީހުންނަށް އަނިޔާވުމަކީ އާންމު ކަމެކެވެ. މިކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައި ޤަވާއިދަށް ޢަމަލު ކުރުމަށް ހަނދާން ކޮށްދެމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.