ޤައުމު މިވަނީ ރިވެތި އަޚުލާގަށް ބޭނުންވެފައި

ރާއްޖެ މިހާރުވަނީ މިއިން ޒަމާނެއްގައި  ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، އިހްސާންތެރިވުމާއި، ކަމޭހިތުމާއި، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަޚްލާގަށް ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަހާސިންތާ އިފްތިތާޙު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތު އޮތީ ދަރުބާރުގޭގައެވެ. އެކަމަނާ ވަނީ ދަރިވަރުން ގައިގާ ރިވެތި "ސިފަ” އަށަގެންނެވުމަށް ޚާއްޞަ ސަމާލުކަމެއްދީގެން މަޝްވަރާކުރެއްވުމަށް  މަހާސިންތާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.  ދިވެހިރާއްޖެއަށް ބޭނުންވެފައިވާ މައުނަވީ ބަދަލު ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާނީ އެބޭފުޅުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ދަރިވަރުން އުނގެނުމަށްޓަކައި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮަތްތަކުގެ މައްޗަށް ވެސް ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިޚްލާޞްތެރިކަމާ ހެޔޮނިޔަތާއެކު ކުރައްވައި ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

ޤައުމީ މަންހަޖު އިސްލާހުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްެވެވުމަކީ ރައީސުލްޖުމްހޫރިއްޔެ ވަޢުދުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.