ޗައިނާގެ މުސްލިމުންގެ ދިފާއުގައި ވާހަކަފުޅުދެއްކެވުމުގެ ބަދަލުގައި މުޙައްމަދު ބިން ސަލްމާން ތާއިދުކުރެއްވީ ޗައިނާ ސަރުކާރަށް

ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ސައޫދީ އަރަބިއްޔާގައި ހުންނަވާ ޗައިނާގެ ސަފީރާއެކު ޗައިނާގެ ބޮޑު ފާރުމަތީގައި

ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން މިހާރު އޭޝިޔާގެ ތިން ގައުމުކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތިންވަނަ އަދި ފަހު މަންޒިލް ޗައިނާއަށް ވަޑައިގެން، އެގައުމުގެ ޒިންޖިއާންގ ޕްރޮވިންސުގައި އަނިޔާ ލިބެމުންދާ އުއިގޫރު ދަރިކޮޅުގެ މުސްލިމުންގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި ޗައިނާގެ އަމަލުތައް ކުށްވެރިކުރައްވައި ބަސްފުޅެއް ވިދާޅުވެފައިވެސް ނުވެއެވެ.

ސައޫދީ އަރަބިއްޔާއަކީ މުސްލިމް ގައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ގައުމުށް ވާއިރު އެތައް މިލިއަން އުއިގޫރު މުސްލިމުން ތިބީ މުޙައްމަދު ބިން ސަލްމާން އެމީހުންގެ ދިފާއުގައި ޗައިނާ ސަރުކާރަށް ކޮންމެވެސް އެއްޗެއް ވިދާޅުވާނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، އޭގެ ބަދަލުގައި ސައޫދީ ވަލީއަހުދު ވާހަކަފުޅު ދެއްކެވީ ޗައިނާ ސަރުކާރުގެ ދިފާއުގައެވެ.

"ގައުމީ ސަލާމަތަށްޓަކައި، ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ހައްދު ފަހަނައަޅައިދިއުން ހުއްޓުވުމަށް މަސައްކަތްކުރުމުގެ ހައްގު ޗައިނާއަށް ލިބިގެންވޭ" ރަސްމީ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރަވައި، ޗައިނާގެ ސަރުކާރު ދިފާއުކުރައްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

ބައެއް ޑިޕްލޮމޭޓުންނާއި އެކްޓިވިސްޓުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، ޗައިނާ ސަރުކާރުން ދަނީ މުސްލިމުން ކޭންޕުތަކުގައި ބަންދުކޮށްގެން ޗައިނާ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއިގެ ވާހަކައަށް އަންނަ ހޯމަ ދުވަހު ފެށޭ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އަހަރީ ޖަލްސާގައި ބަޔަކު އަލިއަޅުވާލާފެނެތީ އެކަމާ ދެކޮޅަށް ގަދައަޅައި މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ތުރުކީން އެމައްސަލަ ނަގާނެކަމަށް ބެލެވެއެވެ.

"ސައޫދީން ޗައިނާއަށް އިހުތިރާމުކޮށް ތާއީދުކުރޭ. އަހަރުމެން މިތިބީ އެގައުމާއެކު ގުޅުން ވަރުގަދަ ކުރަން ތައްޔާރަށް...... ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމާ، ގާނޫނު ތަންފީޒުކުރުމާ، ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކުރުމުގައި ދެގައުމަށް ލިބިފައިވާ ތަޖުރިބާ ބަދަލުކުރުމުގެ ރޮނގުން ދެގައުމުގެ ގުޅުން ވަރުގަދަކުރަން ޖެހޭ." ޗައިނާގެ މުސްލިމުންނަށް ސަރުކާރުން ކުރަމުންދާ އަނިޔާގެ ބަދަލެއްގެ ގޮތުގައި 28 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގެ ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ބިން ސަލްމާން ވިދާޅުވެފައި ވެއެވެ.

ސައޫދީ ވަލީއަހުދުގެ ޗައިނާ ދަތުރުގައި ޗައިނާއަށް އޭނާ ދެއްވި އަނެއް ހަދިޔާއަކީ ޗައިނާ ބަސް ސައޫދީ މަދަރުސާތަކުގައި ކިޔަވައިދޭ ގޮތަށް ހަމަޖެއްސުމަށް ނިންމެވުމެވެ. މިކަމާ ގުޅިގެން ސައޫދީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.