ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް ގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންފި

މިހިނގާފެބުރުވަރީ 21 އިން 22 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި

"ރީޖަނަލް ވިމެން ލީޑަރސް ޑައިލޮގް، ފެމްޕަރލް4: ބްރޭކިންގ ބެރިއާސް"ގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ. މިއީ ކެނެޑާއިން އިންތިޒާމް ކޮށްގެން ބޭއްވި ޚާއްސަ ބައްދަލުވުމެކެވެ.

މި ޑައިލޮގްގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވީ ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޑޭވިޑް މެކްކިނަން ދެއްވި ޚާއްޞަ ދަޢުވަތެއްގައެވެ.

މި ގައިލޮގްގައި 14 ޤައުމެއްގެ އަންހެން 20 ލީޑަރުން ބައިވެރިވެ، މި ސަރަޙައްދުގެ އަންހެނުންނަށް ބޭނުންވާ ލީޑަރޝިޕް ޓްރޭނިންގ ކެޕޭސިޓީ ބިލްޑިންގ އަދި ނެޓްވޯކިންގއާ ގުޅޭ ބްސްޓް ޕްރެކްޓިސްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައިފައިވެއެވެ. އަދި މުޖުތަމަޢުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް ބޭނުންވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކުރައްވައިފައިވެއެވެ.

މި ޑައިލޮގްގައި މިނިސްޓަރ ޝިދާތާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ބައިވެރިންނާ ޙިއްޞާކުރައްވައިފައެވެ. އެ ގޮތުން ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ލިބިދެވޭ ޙައްޤުތައް ތަންފީޛުކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ސިޔާސީ ދާއިރާގެ އިސް މަޤާމުތަކާއި ނިންމުން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް އެ ކަމަނާ އޮޅުންފިލުއްވައި ދެއްވިއެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރާ ވެސް ބައްދަލުކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ބަޔާންކޮށްދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެނުންނަށް އޮތް ފުރުޞަތުތަކާއި، އަންހެން ކެނޑިޑޭޓުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތައް އެ ކަމަނާ ޙިއްޞާކުރައްވައިފައިވެއެވެ.

ޚަބަރާއި ފޯޓޯ ޖެންޑާ މިނިސްޓްރީ-

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.