ސޫދާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސޫދާނުގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު ގައުމާ މުޚާޠަބުކުރައްވައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަނީ

ސޫދާނުގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، ބޮޑުވަޒީރާއި ވަޒީރުންނާއި، ސްޓޭޓްތަކުގެ ގަވަރުނަރުން މަގާމުން ވަކިކުރައްވައިފިއެވެ.

ދައުލަތުގެ ޓީވީ މެދުވެރިކުރައްވައި އިއްޔެއިން ފެށިގެން އެއް އަހަރުދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ފަހު، އޭނާ ވަނީ ސްޓޭޓްތަކުގެ ގަވަރުނަރުންނަށް އަސްކަރީ އޮފިސަރުން އައްޔަންކުރައްވާފައެވެ. އަދި މަރުކަޒީ ސަރުކާރު ހިންގަން ވަގުތީ ވަޒީރުންގެ މަޖިލީހެއް އައްޔަންކުރައްވާފައެވެ. އަލަށް ވަޒީރުން އައްޔަންކުރެއްވި އިރު ކުރީގެ އަދުލު އިންސާފާ ބެހޭ ވަޒީރާއި، ދިފާއީ އަދި ޚާރިޖީ ވަޒީރުން މަގާމުން ވަކިނުކުރައްވައެވެ.

ފާއިތުވި ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ވެރިރަށް ޚުރްޠޫމުގައި މުޒާހަރާތައް ފެށުނީ ރޮށްޓާއި ޕާން ފަދަ ތަކެތީގެ އަގު ތިންގުނަ ބޮޑުކުރުމުން އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ. ނަމަވެސް އެ މުޒާހަރާތައް ފުޅާވެ 30 އަހަރުއްސުރެ ވެރިކަންކުރައްވާ އަލްބަޝީރުގެ ސަރުކާރު ވައްޓާލަން ގޮވާލާ ބޮޑު އިހުތިޖާޖަކަށް ވަނީ ބަދަލުވެފައެވެ. މައިގަނޑުގޮތެއްގައި ސުލްހަވެރިނަމަވެސް ބައެއް މުޒާހަތައް ލޭއޮހޮރުވުމަށް ބަދަލުވެފައިވެސް ވެއެވެ.

ރައީސު އަލްބަޝީރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމާ ގުޅިގެން އިހުތިޖާޖު ރާވައި ހިންގާ ފަރާތްކަމުގައިވާ ސޫދާނީސް ޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އިން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމުގައި ވިޔަސް، 1989 ގައި ރައީސުކަމަށް އިސްވެވަޑައިގަތް ޢުމަރު ޙަސަން އަލްބަޝީރުގެ ވެރިކަން ނިމުމަކަށް އަންނަންދެން މުޒާހަރާތައް ކުރިއަށްދާނެ ކަމުގައެވެ.

"ރައްޔިތުންގެ މި އުތުރިއަރައިގަތުމުގެ ލަނޑުދަނޑި ކަމުގައިވާ، މިސަރުކާރުގެ ވެރިޔާ ވެރިކަމުން ދުރުކޮށް، އޭނާގެ މުއައްސަސާތައް ސާފުކުރުން ހާސިލުވަންދެން މުޒާހަރާތައް ކުރިއަށް ގެންދިއުމަށް އަހަރުމެން ސޫދާނުގެ ރައްޔިތުންނަށް ގޮވާލަމެވެ." އެސްޕީއޭއިން ނެރުނު ބަޔާނެއްގައި ވެއެވެ.

މިހާރު އުމުރުފުޅުން 75 އަހަރުގެ ޢުމަރު ޙަސަން އަލްބަޝީރު 1989 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ އޭރު ޑިމޮކްރެޓިކް ގޮތުން އިންތިޚާބުވެފައި އޮތް އައްޞާދިޤު އަލްމަހްދީގެ ސަރުކާރު ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައި ވައްޓަވާލެއްވުމަށް ފަހުގައެވެ. އޭރު އޭނާއަށް ތާއީދުކުރެއްވީ ސޫދާނުގެ އެންމެ ބޮޑު އިސްލާމީ ސިޔާސީ ޕާޓީ ނޭޝަނަލް އިސްލާމިކް ފްރަންޓުގެ ވެރިޔާ ޑޮކްޓަރ ޙަސަން އައްތުރާބީއެވެ. 2016 ވަނަ އަހަރު އައްތުރާބީ އަވަހާރަވިއިރު އޭނާއަކީ އަލްބަޝީރުއާ ދެކޮޅަށް ހުންނެވި ބޭފުޅެކެވެ.

އަލްބަޝީރު ވަނީ 2010 ވަނަ އަހަރާއި 2015 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.