ރައީސް ޔާމީނަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ޖަލަށް ގެންގޮސްފި

މާފުށޯ ޖަލުގައި މިހާރު ބަންދުކުރައްވައިފައިވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ  ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި އެޑުމިޓް ކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު އަނެއްކާވެސް މާފުށީ ޖަލަށް ގެންގޮސްފިއެވެ.

އެމަނިކުފާނު އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކޮށްފައިވަނީ އިއްޔެވެ. އެމަނިކުފާނު ހޮސްޕިޓަލުން ފަރުވާ ހޯއްދެވީ ކޮންކަމަކަށް ކަމެއް ސީދާ ބުނާކަށް ނޭނގެއެވެ.  މަޢުލޫމާޓު ލިބިފައިވާ ގޮތުގައި އެމަނިކުފާނު އެޑްމިޓް ކުރެއްވީ ހިތުގެ ބަލިތަކާބެހޭ ބައިގައެވެ.

އެމަނިކުފާނު އިއްޔެ އައިޖީއެމްއެޗަށް ގެންދިޔަ ވަގުތު ސަޕޯޓަރުން ވަނީ ހޮސްޕިޓަލަށް ވަދެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައިފައެވެ. އެތަނަށް ދިޔަ މީހުން މައިތިރި ކުރެވުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

ރައީސް ޔާމީން މާފުށީ ޖަލުގައި ބަންދުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލައިގައެވެ. ކޯޓުން ވަނީ އެމައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓެވުމަށް އަމުރު ކުރައްވައިފިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރުވަނީ އެމައްސަލަ އިސްތިއުނާފް ވެސް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.