ތިމާވެއްޓާ ބެހޭ ވަޒީރާއި، ތަޢުލީމާ ބެހޭ ވަޒީރު އައްޑޫގައި

ވަޒީރުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ: ފޮޓޯ ތިމާވެއްޓާބެހޭ ވުޒާރާ

ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަނާއި، ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ސްކޫލްތަކުގައި ޕްލާސްޓިކް ފުޅިތައް ގެންގުޅޭ މިންވަރު މަދުކުރުމުގެ ޤައުމީ ކެމްޕޭނުގެ ދަށުން އައްޑޫސިޓީގެ ބައެއް ސްކޫލްތަކަށް "ސުޕަރ ފެންފުޅި" ޙާވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ކުރިން ވިދާޅުވެފައިވަނީ މިބާވަތުގެ ފެންފުޅިތައް ގްރޭޑް 1 އަށް އަލަށް ވަންނަ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އައްޑޫސިޓީގެ 12 ސްކޫލަކަށް ފެންފުޅި ޙަވާލު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ވަޒީރުން އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވާނެއެވެ. އަދި އައްޑޫ ނޭޗަރޕާކަށް ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ސްކޫލްތަކުގެ ގޯތިތެރޭގައި ގަސް އިންދުމުގެ ޙަރަކާތެއް ވެސް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރަށް ހިތަދޫ ކުނި މެނޭޖުކުރައްވާ ސަރަޙައްދަށް ތިމާވެއްޓާ ބެހޭ ވަޒީރު ވަޑައިގެން އެތަން ބައްލައްވައިލެއްވުމާއި ވެމްކޯގެ މުވައްޒަފުންނާ ބައްދަލު ކުރައްވާނެ ކަމަށް މަޢުލޫމާތު ވަނީ ލިބިއެވެ.

އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅަށްފަހު އެބޭފުޅުން ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
މިދަތުރާ ބެހޭގޮތުން ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ މިއީ "އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ގައި ތިމާވެށީގެ ދާއިރާގައި ހިންގަމުންދާ ކަންކަން ބަލާ ވަޒަން ކުރުމަށް އަދި އެކަންކަން ހަލުވި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ހޯދުމަށް" ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.