ސައޫދީ އަރަބިއްޔާއިން އިންޑިޔާގައި އިސްވެސްޓުކުރާ މަޝްރޫއުތަކުގެ އަގު ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި 100 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމުގައި ސައޫދީ ވަލީއަހުދު އަމީރު ސަލްމާން ބިން ޢަބްދުލްޢަޒީޒު ވިދާޅުވެއްޖެއެވެ.
އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވަލީއަހުދު ވިދާޅުވީ އިންޑިޔާގެ ޓެކްނޮލޮޖީގެ ދާއިރާއާއި، ކުދި ކުންފުނިތަކުގައި ސައޫދީން 10 ބިލިއަން ޑޮލަރު އިސްވެސްޓުކޮށްފައި ވާކަމަށާއި، އެ އިންވެސްޓްމަންޓްތަކުން "ވަރަށް ފާހަގަކުރެވޭ ފައިދާތަކެއް" ލިބިފައިވާ ކަމަށެވެ.
"އަހަރުމެން އުއްމީދުކުރާ ގޮތުގައި އަހަރުމެން އިންޑިޔާގައި މި ފަހިކުރާ ފުރުސަތުތަކުގެ އަގު ކުރިއަށް ދެއަހަރު ދުވަހުގައި 100 ބިލިއަން ޑޮލަރަށް އަރާނެ." ބޮޑު ވަޒީރު މޯދީއާއެކު ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު، ވާހަކަފުޅުން ދައްކަވަމުން މުޙައްމަދު ބިން ސަލްމާން ވިދާޅުވިއެވެ.
"ސައޫދީ އަރަބިއްޔާގެ ކުރިމަގުގައްޔާއި، ވިޝަން 2030 ހާސިލުކުރުމުގައި އިންޑިޔާގެ މަސައްކަތްތެރިންނާ އިންސާނީ ވަސީލަތްތަކުގެ ހިއްސާ އިތުރުކުރުމަށް ކިންގްޑަމް އޮފް ސައޫދީ އަރަބިއްޔާއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުމުން ފުރުސަތު ލިބިގެން ދާނެކަށްވެސް އަހަރުމެން އުއްމީދުކުރަން." މުޙައްމަދު ބިން ސަލްމާން އިތުރަށް ވިދާޅުވިއެވެ.
ސައޫދީ އަރަބިއްޔާއިން އިންޑިޔާގެ ޕެޓްރޯކެމިކަލާއި، ފަތުރުވެރިކަމާއި، ގެދޮރު ބިނާކުރުމާއި، އިންފޯމޭޝަން އަދި ބްރޯޑްކާސްޓިންގްގެ ދާއިރާގައި އިންވެސްޓްކުރާނެއެވެ.
އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އިތުރަށް، ދެ ގައުމު ގުޅިގެން ބާއްވާ ފުރަތަމަ ކަނޑުގެ އަސްކަރީ ތަމްރީނުތައް ބޭއްވުމަށްވެސް ދެގައުމުން ވަނީ އެއްބަސްވެފައެވެ.
ސައޫދީ ވަލީއަހުދުގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ސައޫދީ އެންމެ ބޮޑު ކުންފުނި ސައޫދީ އަރަބިއަން އޮއިލް ކޮމްޕެނީ (ސައޫދީ އަރާމްކޯ) ގެ ސީއީއޯ އަމީން ޙަސަން އައްނާޞިރު ވިދާޅުވި ގޮތުގައި އިންޑިޔާއަކީ މުސްތަގުބަލުގައި ސައޫދީ ތެލުގެ އެންމެ ބޮޑު އެއް މާކެޓަށް ވާނެއެވެ. މިކަން އިތުރަށް ބަޔާންކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގައި މިހާރު ކޮންމެ 1000 މީހަކަށް 980 ކާރު އޮތްއިރު، އިންޑީޔާގައި އޮތީ ކޮންމެ 1000 މީހަކަށް 22 ކާރެވެ. އެހެން ކަމުން މިއަދަދު މުސްތަގުބަލުގައި އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ.
އިންޑިޔާއަށް ފަހު މުޙައްމަދު ބިން ސަލްމާން ދެން ވަޑައިގަންނަވާނީ ޗައިނާއަށެވެ.