ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަންދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރާ މުޒަހާރާކޮށްފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި މިރޭ މުޒާހަރާކުރީ ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ބަންދުކުރުމަށްފަހު މާފުށީޖަލަށް ލައިފައިވާތީއެވެ. އެމަނިކުފާނު ބަންދުކުރުމަށް ކޯޓުން އަމުރު ކުރެއްވީ އެމަނިކުފާނުގެ ބޭންކު އެކައުންޓަށް ވަދެފައިވާ އެމްއެމްޕީއާރުސީގެ އެއްމިލިއަން ޑޮލަރުގެ މައްސަލައިގެ ޝަރީއަތް ނިމެންދެނެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ މުޒާހަރާ ކުރިއިރު އެމަނިކުފާނުވަނީ މާފުށީ ޖަލުން މާލެގެނެސް އައިޖީއެމްއެޗުގައި އެޑުމިޓް ކޮށްފައެވެ.

މިރޭގެ މުޒާހަރާގައި ޕްރޮގްރެސިވް ޕާޓީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މުޒާހަރާގައި އެމީހުން ގޮވާލައިފައިވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ. މިސަރުކާރުން އެމަނިކުފާނާ މެދު ޢަމަލު ކުރައްވަނީ ރަނގަޅަށް ނޫންކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އެމަނިކުފާނު ބަންދު ކުރުމަށް ކޯޓުން ކުރި ޙުކުމާމެދު ވެސް އެމީހުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެމަނިކުފާނު ޖަލުގައި ބަންދުކުރީ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައިފާނެ ކަމުގެ ބިރު ސަރުކާރު ހިންގާ ފަރާތްތަކަށް އޮތުމުން ކަމަށް ވެސް މުޒާހަރާގައި ގޮވާލައިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.