އިސްލާމިކް ސްޓޭޓްގެ ހާހެއްހާ ހަނގުރާމަވެރިން އެތައް ސަތޭކަ މިލިއަން ޑޮލަރަކާއެކު ފިލާފައިވާ ކަމަށް ލަފާކުރެވޭ

އިސްލާމިކް ސްޓޭޓުގެ ހަނގުރާމަވެރިންތަކެއް

ސީރިޔާއާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ދޭރައްޒޫރުގެ އަވަށެއް ކަމުގައިވާ ބާޣޫޒްގައި އެމެރިކާގެ އެހީތެރިކަމާއެކު ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް) އާއި 'ފަހުގެ ހަނގުރާމަ ކުރަމުން ދާއިރު، ސީރިޔާއާއި އިރާގުގެ މަސްރަހު ދަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ބާޣޫޒުން އިސްލާމިކް ސްޓޭޓް ބޭރުކޮށްލެވުނަސް އެމީހުންގެ ހަރަކާތްތައް ނުހުއްޓުވޭނެއެވެ.

އިސްލާމިކް ސްޓޭޓްގެ ކަންތައް މުޅިން ނިމި އެޖަމާއަތުގެ މައްޗަށް ކާމިޔާބުލިބިއްޖެކަން އިއުލާނުކުރައްވަން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ތައްޔާރުވެވަޑައިގަންނަވަމުން ދާއިރު، އެމެރިކާގެ ބައެއް އަސްކަރީ ފަރާތްތަކުން ބުނަމުން ދަނީ އިސްލާމިކް ސްޓޭޓުގެ އެތައް ސަތޭކަ ހަނގުރާމަވެރިން އިރާގާއި ސީރިޔާގެ އެކި ސަރަހައްދުތަކަށް ފިލާފައިވާ ކަމުގައެވެ.

އެމެރިކާގެ އަސްކަރީ ބައެއް އޮފިސަރުންނާ ޙަވާލާދީ ސީއެންއެންއިން ޚަބަރުދޭ ގޮތުގައި އިސްލާމިކް ސްޓޭޓްގެ ހާހެއްހާ ހަނގުރާމަވެރިން ވަނީ އިރާގާއި ސީރިޔާގެ އެކި ސަރަހައްދުތަކަށް ފިލައިގެން ގޮސްފައެވެ. އަދި އެމީހުންގެ އަތުގައި 200 ވަރަކަށް މިލިއަން ޑޮލަރު ވާނެކަމަށްވެސް އެ އޮފިސަރުން ލަފާކުރެއެވެ.

އަސްކަރީ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިސްލާމިކް ސްޓޭޓުގެ ހަނގުރާމަވެރިން ދަނީ މަޑުމަޑުން އިރާގާއި ސިރިޔާގެ އާއްމުންގެ ތެރެއަށް ވަދެ މަސްހުނިވަމުންނެވެ.

ރައީސު ޓްރަމްޕް ބޭނުނުންފުޅު ވަނީ ވީހާ އަވަހަކަށް އިސްލާމިކް ސްޓޭޓް ބަލިކޮށްލައި އެމެރިކާ ސިފައިން ސީރިޔާއިން ފޭބުމެވެ. އެހެންނަމަވެސް، އަސްކަރީ އިސް ފަރާތްތަކުން ދަނީ އެކަމާ ދެކޮޅުހަދަމުންނެވެ. އެމީހުން ދެކޭ ގޮތުގައި އެމެރިކާ ސިފައިން ފޭބުމުން އަންނަ ހުސްކަން ފުރާނީ ރަޝިޔާއާއި އީރާނުންނެވެ. އަދި އެކަމުގެ ސަބަބުން އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން އަނެއްކާވެސް މަޑުމަޑުން ޖަމާވެ، ހަނގުރާމަވެރި ލަޝްކަރެއް އުފެއްދުމަކީ އެކަށީގެންވާ ކަމެކެވެ.

ސީރިޔާގައި މިވަގުތަށް އިސްލާމިކް ސްޓޭޓްގެ މަދު ބަޔަކު ހަނގުރާމަކުރަމުން ދިޔަ ނަމަވެސް، ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި އެ ޖަމާއަތުގެ 20 ހާހާ، 30 ހާހާ ދެމެދުގެ އަދަދެއްގެ ހަނގުރާމަވެރިން ސީރިޔާއާއި އިރާގުގައި އަދިވެސް އުޅޭނެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބޭނެ ކަމަށް ލަފާކުރެވެނީ އިރާގުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.