އިންޑިއާ ނައްތާލުމަށް ޕާކިސްތާން ދެކޭ ހުވަފެން ފުރިހަމަ ނުވާނެކަމަށާއި އެކަން ހުއްޓާލަންވެއްޖެކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
"އިންޑިއާ ދެރަކޮށް ނިކަމެތިކޮށްލެވޭނެ ކަމަށް ޕާކިސްތާނުން ދެކޭނަމަ އެ ހުވަފެން ދުވަހަކުވެސް ފުރިހަމައެއް ނުވާނެެ." ވެރިރަށް ދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.
ކަޝްމީރުގެ ޕުލްވާމާ ސަރަހަައްދުން ދަތުރުކޮށްފައި ދިޔަ ބަހަކަށް ހަމަލާދީ ސިފައިންގެ 42 މީހުން މަރާލި ހާދިސާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ އެހަމަލާ ރާވައި ހިންގި މީހުން ބޮޑުއަގެއް ދައްކަންޖެހޭނެ ކަމަށެވެ.
"ސަލާމަތީ ބާރުތަކަށް ވަނީ އެމީހުންނަށް ފެންނަގޮތަކަށް ކަންތައް ކުރުމުގެ އިޚުތިޔާރާއި މިނިވަންކަން ދީފައި." މޯދީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަވައްޓެރިން އިޚުތިޔާރު ކުރި މަގުން ހަމަ ޔަގީނުން ވެސް ދެވޭނީ ހަލާކާ ދިމާއަށް. އަޅުގަނޑުމެން އިޚްތިޔާރު ކުރި މަގަކީ ތަރައްގީގެ މަގު. ތަރައްގީގެ މަގު ވަރުގަދަކޮށްގެން އަޅުގަނޑުމެން ޝަހީދުވި ސިފައިންގެ ރޫހަށް ހެއު ދުއާކޮށްދޭނަން."
އިންޑިއާގެ ފިނޭންސް މިނިސްޓަރ އަރުވިން ޖެއިޓްލީ ވިދާޅުވީ ޕާކިސްތާނާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުންނާއި އިގުތިސާދީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވާނެކަމަށެވެ. އަދި ޕާކިސްތާނު ބައިނަލްއަގުވާމީ ދާއިރާގައި އެކަހެރިކޮށްލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މުޙައްމަދު ޤުރައިޝީ ވިދާޅުވީ ޕާކިސްތާން އެކަހެރިކުރުމަށް އިންޑިއާއިން ދެކޭ ހުވަފެން ދުވަހަކުވެސް ކާމިޔާބު ނުވާނެކަމަށެވެ.
ކޮންގްރެސްގެ ލީޑަރ ރާހުލް ގާނދީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއީ އިންޑިއާގެ ރޫހަށް ދިން ހަމަލާއެއްކަމަށާއި އިދިކޮޅު ހުރިހާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ގުޅިގެން ތިބީ ސަރުކާރާ އެކުގައިކަމަށެވެ.
"އިންޑިއާއަށް ގެއްލުންދޭ މީހުން އިންޑިއާއިން ދުވަހަކުވެސް ހަނދާންނައްތައެއްނުލާނެ." ރާހުލް ގާނދީ ވިދާޅުވިއެވެ.
ދިއްލީގެ އެތައް ޖަމާއަތަކުން ޕާކިސްތާނާ ދެކޮޅަށް ރައްޔިތުންގެ މަޖިިލީސް ކައިރީގައްޔާއި ޕާކިސްތާން ހައި ކޮމިޝަންގެ ކުރިމަތީގައި ވަރުގަދަ މުޒާހަރާތަކެއް ވަނީ ކޮށްފައެވެ.
މި މަހު 14 ވަނަ ދުވަހު ކަޝްމީރުގެ ޒުވާނަކު ކާރަކަށް ގޮވާތަކެތި ލައިގެން ގޮސް އިންޑިއާގެ ސިފައިން ދަތުރުކޮށްފައިދިޔަ ބަހަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން އިންޑިއާގެ ސިފައިންނާއި ހައްދުފަހަނަޅާފައިވާ ހިންދޫން މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.