އޮފީސް މާޙައުލާއި ގޭތެރޭގެ މާޙައުލުގައި ކުރެވޭ މިންތީގެ ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމަށް ހުރިހާ އަންހެން މުވައްޒަފުންނަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް މިއަދު ކުރައްވަން ފެއްޓެވި ޒިޔާރަތުގައި އެތަންތަނުގެ އަންހެން މުވައްޒަފުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޒިޔާރަތުގައި މިނިސްޓަރމި އަދުވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖްމަންޓާއި އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރާ މިންވަރު އޮޅުން ފިލުއްވައިފައެވެ.
މި ޒިޔާރަތުގައި މިނިސްޓަރ ޝިދާތާ ވަނީ ވަޒީފާގެ މާޙައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތުކުރުންތަކާއި ނިންމުން ނިންމާ ފެންވަރުގެ މަޤާމުތަކަށް އަންހެނުން ދިޔުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އާބާދީގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް ފިރިހެނުންނާ އެއް ހަމައެއްކަމަށާއި، ތަޢުލީމު ހާސިލުކުރާ އަންހެން ކުދިންގެ ނިސްބަތް ފިރިހެން ކުދިންނަށް ވުރެ އިތުރު ކަމުގައި ވިޔަސް، ވަޒީފާގެ މާޙައުލުގައި އެކަންކަން ނުފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ ތަފާތުކުރުންތައް ޙައްލުކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭކަމަށްވާނަމަ އެ ކަމަށް ވެސް ގަދަ އަޅައި މަސައްކަތްކުރައްވަން ތައްޔާރު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެފަދަ ތަފާތުކުރުންތައް ނައްތައިލެވޭނީ، އަންހެނުން އެ ކަމަށް ނުކުމެގެން ކަމަށެވެ.
މިނިޓަރގެ އިތުރަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވަޑައިގެންފައެވެ.
ޤާނޫނުތަކުން އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ދައުލަތުގެ އިތުރު މުޢައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް މިނިސްޓަރ ޝިދާތާ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.