ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރީންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ޙުކުމް ކުރައްވައިފިއެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އަމިއްލަ ފުޅު އެކައުންޓަށް ޖަމާ ކުރައްވައިފައިވާ ފައިސާ ލޯންޑަރ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރުވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައުވާ އެކައުންޓަށް ޖަމާ ކޮށްފައެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ ސީދާ އެމަނިކުފާނުގެ ފައިސާ ކަމަށެވެ. އެއީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާކަމެއް ދައުލަތުގެ އެއްވެސް މުޢައްސަސާއަކުން މިހާތަނަށް ކަނޑައަޅައިފައިނުވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މަނީލޯންޑަރ ކުރެއްވުމުގެ އިތުރަށް އެ މައްސަލަ ފުލުހުން ތަޙުޤީގު ކުރެއްވި މަރުޙަލާގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ތަޙުޤީގީ އިދާރާއަކަށް ދޮގުމަޢުލޫމާތު ދެއްވައިފައިވާތީ އެކަމަށް ވެސް ދަޢުވާކޮށްދެއްވުމަށް އެދި ފުލުހުންވަނީ ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް ހުށަހަޅައިފައެވެ.
އެ މަނިކުފާނުގެ އިތުރަށް ރައީސް އޮފީހުގެ އޭރުގެ ލީގަލްއެފެއާޒު މިނިސްޓަރ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ވެސް ދަޢުވާ ކޮށްދެއްވުމަށް ފުލުހުން ވަނީ ހުށަހަޅުއްވައިފައެވެ.