އީރާނުގައި އުފެއްދި ސަބްމެރިން 'ފާތިޙު' ޚިދުމަތަށް ނެރެފި

އީރާނުގެ ރައީސު ޙަސަން ރޫޙާނީ އެގައުމުން އުފެއްދި 'ފާތިޙު' ސަބްމެރިން ޚިދުމަތަށް ނެރެދެއްވަނީ

އިރާނު އަމިއްލައަށް އެގައުމުގައި އުފެއްދި ސަބްމެރިން 'ފާތިޙު' ރައީސު ޙަސަން ރޫޙާނީ އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ. ކްރޫޒް މިސައިން ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ މި ސަބްމެރިން ޚިދުމަތަށް ނެރެފައި މިވަނީ އީރާނާ އެމެރިކާއާ ދެމެދު އަރައިރުން ބޮޑުވެ މައްސަލަ ގޯސްވަމުންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

"ފާތިހު ސަބްމެރިން މިހިނދުން ފެށިގެން އީރާނުގެ ކަނޑުގެ އަސްކަރިއްޔާއާއި ގުޅުމަށް އަހުރެން އަމުރޮށްފިން" އިއްޔެ އީރާނުގެ އިނގިރޭސީ ޓީވީ ޗެނެލް، ޕްރެސްޓީވީން ވަގުތުން ދެއްކި ރަސްމިއްޔާތުގައި ސަބްމެރިންގެ ޚިދުމަތް ފަށްޓަވައިދެއްވަމުން ރައީސު ރޫޙާނީ ވިދާޅުވިއެވެ.

ޕްރެސް ޓީވީން ހާމަކޮށްފައިވާ ގޮތުގައި، ދެކުނު އީރާނުގެ ރަށެއް ކަމުގައިވާ ބަންދަރް ލެންގާގައި ޚިދުމަތަށް ނެރެވުނު 600 ޓަނުގެ މި ސަބްމެރިންއަކީ އެންމެ ޒަމާނީ ޓްރޮޕީޑޯއާއި، ކަނޑުގެ މައިންއާއި، ކަނޑު އަޑިން ފޮނުވާލެވޭ ކްރޫޒް މިސައިލް އުފުލާ ޒަމާނީ އަސްކަރީ އުޅަނދެކެވެ. ފާތިހު ސަބްމެރީން 200 މީޓަރު އަޑީގައި މައްޗަށް ނާރައި 35 ދުވަހު ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައި ވެއެވެ.

1992 ވަނަ އަހަރުން ފެށިގެން އީރާނުން ދަނީ އަމިއްލަ އަސްކަރީ ސިނާއަތެއް ތަރައްގީކޮށް އެގައުމުގައި ހަތިޔާރު އުފައްދަމުންނެވެ. އޭގެ ތެރޭގައި، ބޮޑުބަޑިއާއި، ޓްރޮޕީޑޯއާއި، ޓޭންކާއި، މިސައިލާއި، ސަބްމެރިން ހިމެނެއެވެ.

ފާތިހު ސަބްމެރިންގައި ބޭނުންކުރާ ކްރޫޒް މިސައިލަކީ 2000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެވެ. އެހެންކަމުން، އެ މިސައިލުން އިސްރާއީލަށާއި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަތަކަށް ހަމަލާ ދެވިދާނެއެވެ.

ފާއިތުވި އަހަރު އީރާނުން ވަނީ ކަނޑު ހަނގުރާމައިގައި ހަމަލާ ދިނުމަށް ބޭނުންކުރެވޭ ޑިސްޓްރޯޔާއެއްވެސް ބަނދެ ޚިދުމަތަށް ނެރެފައެވެ.

"އަދާއި ހަމައަށް އައިއިރު އީރާނު މިވަނީ އެއްގަމާއި، ކަނޑާއި، ވައިގައި މިނިވަންކަމާއެކު ހަރަކާތްތެރިވާ ގައުމަކަށް ވެފައި. އަހަރުމެންގެ ދިފާއީ ބާރުތައް ތިބީ އަހަރުމެންގެ މަސްލަހަތުތައް ދިފާއުކުރުމަށް. އެއްވެސް ގައުމަކަށް ހަމަލާދިނުމަށް އަހަރުމެން ވިސްނާފައި ނުވޭ." އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު ހަސަން ރޫހާނީ ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.