ކަފިހިހުރަސް މަތިން މީހެއްގެ ގައިގައި ޖެހުނު ކާރު ދުއްވި މީހާގެ ޓެކްސީ ހުއްދަ ހިފަހައްޓައިފި

ސެނަހިޔާ ހޮސްޕިޓަލު ކައިރިން މަގުހުރަސް ކުރަން އޮތް ކަފިހިހުރަހަކުން ހުރަސްކުރަން އުޅުނިކޮށް އަންހެނެއްގެ ގައިގައި ޖެހުނު ކާރު ދުއްވި މީހާގެ ލައިސަންސާއި ޓެކްސީ ކުރުމުގެ ހުއްދަ ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އޭނާގެ ލައިސަންސާއި ޓެކްސީ ކުރުމުގެ ހުއްދަ ހިފަހައްޓާފައިވަނީ 2 އަހަރަށް ކަމަށެވެ.

"މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ ލައިސަންސް އަދި ޓެކްސީ ކުރުމުގެ ހުއްދަ ދެ އަހަރު ދުވަހަށް ވަނީ ހިފަހައްޓާފައި،" ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ލައިންސަންސާއި ޓެކްސީ ކުރުމުގެ ހުއްދަ ޓްރާންސްޕޯޓުން ހިފެހެއްޓީ އެކްސިޑެންޓާ ބެހޭގޮތުން ފުލުހުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ކާރުން އެ އަންހެން މީހާގެ ގައިގައި ޖެހިފައިވަނީ އެހެން މީހަކާއެކު މަގު ހުރަސް ކުރަން އުޅުނިކޮށް އެ ކާރު މަޑުނުކޮށް އައުމުނެވެ. އެ އެކްސިޑެންޓުގައި އޭނާ ވަނީ ވެއްޓި ބޮލަށް ވަރަށްބޮޑަށް އަނިޔާވެފައެވެ. ޢުމުރުން 46 އަހަރުގެ އެމީހާއަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އޭނާގެ ޙާލު އަދިވެސް ސީރިއަސްއެވެ. މި ހާދިސާގައި އޭނާއާއެކު މަގު ހުރަސް ކުރަން އުޅުނު އަންހެން މީހާއަށް ވެސް އަނިޔާވިއެވެ. އެހެންނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިކަން ހިނގާފައިވަނީ ހުސްވި ހަފްތާގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.