ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ހަނގުރާމަތަކާއި، އެހަނގުރާމަތަކުގެ ސަބަބުން ރަނގަޅު ކާނާ ލިބުމުން މަހުރޫވުމުގެ ސަބަބުން އަހަރު އެއް ލައްކަ ތުއްތުކުދިން މަރުވާ ކަމުގައި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތް، ސޭވް ދަ ޗިލްޑްރެން އިންޓަނޭޝަނަލުން މިއަދު ބުނެފިއެވެ.
އެންމެ ހަމަނުޖެހުން ބޮޑު ދިހަ ގައުމުގައި، 2013 އާއި 2017 އާއި ދެމެދު 5 ލައްކަ 50 ހާސް ތުއްތު ކުދުން މަރުވެފައި ވެއެވެ.
ހަނގުރާމާއި ގުޅުންހުރި ގޮތަށް ތުއްތު ކުދިން މަރުވާ ސަބަބުތަކުގެ ތެރޭގައި ހަމަލާތަކުގެ ސީދާ ޝިކާރައަކަށް ވުމާއި، ބަނޑުހައި ހޫނުކަމާއި، ހޮސްޕިޓަލްތައް ހަލާކުވުމާއި، ރަނގަޅު ސިއްހީ ފަރުވާ ނުލިބުމާއި، އެހީ ފޯރުކޮށްނުދެވުން ހިމެނެއެވެ.
ޖަރުމަނުގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސަށް އެ ޖަމާއަތުން މިއަދު ހުށަހެޅި ރިޕޯޓުގައި ވާގޮތުން މަރުވުމާއި، ނުކުޅެދޭ ކުދިންނަށް ވުމާއި، ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ ތެރެއަށް ވެއްދުމާއި، ވަގަށް ނެގުމާއި، ޖިންސީ ގޯނާފަދަ ނުރައްކާތަކަށް ކުޑަކުދިން ހުށަހެޅުން ދަނީ ގިނަވަމުންނެވެ.
"ގާތްގަނޑަކަށް ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު ދިރިއުޅެމުން ދަނީ ހަމަނުޖެހުމުގެ އަސަރުކޮށްފައިވާ ސަރަހައްދެއްގައި. މިއީ ފާއިތުވި ވިހި އަހަރަށް ބަލާއިރު އެންމެ ބޮޑު އަދަދު." ސޭވް ދަ ޗިލްޑްރެންގެ ރިޕޯޓުގައި ސީއީއޯ ހެލީ ތޯނިންގް ޝްމިޓް ވިދާޅުވެފައި ވެއެވެ.
"ކުޑަކުދިން މަރުވުމާއި، ނުކުދޭ ކުދިންނަށް ވުން މިވަނީ ތިން ގުނަ އިތުރުވެފައި. އަދި ދެވޭ އެހީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަށް އިތުރުވެފައި." ރިޕޯޓުގައި ވެއެވެ.
ސޭވް ދަ ޗިލްޑްރެން އިން ބުނީ، އެ ޖަމާއަތުން އެދިގެން ޕީސް ރިސާޗް އިންސްޓިޓިއުޓް، އޮސްލޯއިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 2017 ވަނަ އަހަރު 420 މިލިއަން ކުޑަކުދިން ދިރިއުޅެމުން ދިޔައީ ހަނގުރާމަ ހިނގާ، ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައެވެ. މިއީ މުޅި ދުނިޔޭގެ ކުޑަކުދިންގެ އާބަދީގެ %18 އެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި ކުޑަ ކުދިންނަށް އެންމެ ނުރައްކާ ބޮޑު ގައުމުތަކަކީ އަފްޣާނިސްތާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، އިރާގު، މާލީ، ނައިޖީރިޔާ، ސޯމާލިޔާ، ސައުތު ސޫދާން، ސީރިޔާ އަދި ޔަމަނެވެ.
އުމުރުން 5 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ހިމެނުމުން ނުސީދާކޮށް ހަނގުރާއިގެ ސަބަބުން ފާއިތުވި ފަސް އަހަރު މަރުވި ކުދިންގެ އަދަދު 8 ލައްކަ 70 ހާހަށް އަރާކަމުގައި ރިޕޯޓުގައި ވެއެވެ.