މިނިސްޓަރ މަހުލޫފް ގޭގައި މަޑުކުރެއްވުމަށް އަންގަވައިފި

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ ވަދެފައިވާ އެސްއޯއެފް ކުންފުންޏާއެކު ހިންގަފައިވާ ފައިސާގެ މުޢާމަލާތުގެ ސަބަބުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަޙުމަދު މަހުލޫފު ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ. މަހުލޫފުގެ އިތުރަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ގޭގައި މަޑުކުރައްވަން ރައީސް ވަނީ އަންގަވައިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަޙުޤީގު ކުރެއްވުމަށްފަހު އޭސީސީން އެރިޕޯޓު ޢާއްމު ކުރެއްވީ މިއަދުއެވެ. އެ ރިޕޯޓުގައި ހާމަކުރެއްވިއިރު އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ފައިސާތަކެއް މަހުލޫފާއި އަކުރަމްގެ އެކައުންޓަށް ވެސް ވަނީ ޖަމާވެފައިކަން އެރިޕޯޓުން ދައްކައެވެ.

މިނިސްޓަރ މަހުލޫފުގެ އެކައުންޓަށް ވަނީ 33،000 އެމެރިކާ ޑޮލަރު ވަދެފައެވެ. އަކްރަމްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 30،000 ޑޮލަރެވެ.

ގޭގައި މަޑުކުރައްވަން ރައީސް އެންގެވުމުން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެ ނިންމެވުމަށް ފުރިހަމައަށް އިޙުތިރާމް ކުރައްވާ ކަމަށެވެ. އޭނާވިދާޅުވެފައިވަނީ ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކަމަށެވެ. މި މައްސަލައާ ގުޅިގެން މަހުލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެސްއޯއެފް އާއެކު ހިންގައިފައިވާ ފައިސާގެ މުޢާމަލާމަތަކީ ޞައްޙަ މުޢާމަލާތެއް ކަމަށެވެ. އެއީ އޭރު ޢާއިލާއިން ހިންގެވި ފިހާރަށް ހޯދި ޑޮލަރު ކަމަށާއި އެކަމުގައި އުޅުނީ އޭނާގެ ކޮއްކޮއެއް ކަމަށް ވެސް މަހުލޫފް ވިދާޅުވެފައިވެއެވެ. އެފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އޭރު ހިންގެވި ފިހާރައިގެ ނަމުގައި އެކައުންޓެއްނެތިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމައްސަލަ ތަޙުޤީޤު ކުރެއްވުމަށާއި ތަޙުޤީގުން އެއްވެސް ގޯހެއް ފެނިއްޖެ ކަމަށްވާނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މަހުލޫފު ވަނީ އެ މުޢާމަލާތް ހިންގި ކަމުގެ ލިޔުންތައް ވެސް އޭސީސީއަށް ފޮނުވައިފައެވެ.

މަހްލޫފް ވިދާޅުވެފައިވަނީ އޭނާއަކީ އެއް އިރެއްގައިވެސް ކޮރަޕްޝަނަށް ހިތްވަރު ދެއްވައި އެފަދަ ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ. ފާއިތުރި ފަސް އަހަރު އޭނާވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވައިފައި ކަމަސް އެންހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފައިސާ އޭނާގެ އެކައުންޓަށް ޖަމާވުމުން ވަރަށްގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައި އިސްތިއުފާ ދެއްވުމަށް ގޮވައިލައްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.