އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ސަބަބުން ޔޫތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަން ފަށައިފި

އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތަށް ފަހު އެންޓިކޮރަޕްޝަން ކޮމިޝަނުން ހިންގެވި ތަޙުޤީގީ ރިޕޯޓު މިއަދު ޢާއްމު ކުރެއްވުމުން އެންމެ ބޮޑަށް މީހުން އަޅައިގަތީ އަޙުމަދު މަހުލޫހުގެ އެކައުންޓަށް ވެސް ފައިސާ ޖަމާވެފައިވާ ކަމަށް އޮތުމުންނެވެ.

އެރިޕޯޓުގައިވާ ގޮތުން މަހުލޫގެ އެކައުންޓަށް ވަނީ 33،000 ޑޮލަރު ނުވަތަ  539،700 ދިވެހި ރުފިޔާ ޖަމާކޮށްފައެވެ. އެފައިސާ މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމަނިކުފާމު މަޖިލީސް މެމްބަރަކަށް ހުންނެވިއިރުގައެވެ. މަހުލޫފުގެ އިތުރަށް ވިލުފުށީދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ވަނީ 424،255 ޑޮލަރު ނުވަތަ 6،542،012 ރުފިޔާ ޖަމާކޮށްފައެވެ. އަދި ހުޅުހެންވާރު ދާއިރާގެ މެމްބަރު މޫސާމަނިކުގެ އެކައުންޓަށްވަނީ 100،000 ޑޮލަރު ނުވަތަ 1،542،000 ރުފިޔާ ޖަމާކޮށްފައެވެ. އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޙުސައިން މަނިކު ދޮންމަނިކުގެ އެކައުންޓަށް ވަނީ 250،000 ޑޮލަރު ނުވަތަ 3،855،00 ރުފިޔާ ޖަމާކޮފައެވެ.

މީގެ ތެރެއިން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްސަލަ ޢާއްމުން ބޮޑަށް ފާހަގަކޮށްފައިވަނީ މިވަގުތު އެމަނިކުފާނު ހުންނެވި މަޤާމުގެ ގޮތުންނެވެ. އެމަނިކުފާނުގެ އެކައުންޓަށް އެފައިސާ ޖަމާވެފައިވާކަން ހާމަވުމުން ގިނަ ޢަދަދެއްގެ މީހުން ގެންދަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިލަމުންނެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުންގެ ތެރެއިން މަޖިލީސް މެމްބަރުގެ ގޮތުގައި ތިއްބެވި މި 4 ބޭފުޅުންނެވެ. އެބޭފުޅުންގެ އިތުރަށް ވެސް އެފައިސާތައް ވަދެފައިވާ ކުންފުނިތަކުގެ ނަންތަކާއި އެހެނިހެން ބޭފުޅުންގެ ނަންތައް ވެސް ހިމަނާފައިވެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވަނީ އެ މަނިކުފާނު ހިންގަވާފައިވާނީ ޞައްޙަ މުޢާމަލާތެއް ކަމަށެވެ. ޞައްޙަ ނޫންގޮތަކަށް އެކަން ގޮސްފައިވާ ކަމަށްވާނަމަ ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ވައްކަމެއް ކޮށްފައި ނޯންނާނެ. އަދި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިއުފާ ދޭނަން،" ކަމަށެވެ. އެޓްވީޓާއެކު މަހުލޫފްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އޭސީސީން އޭނާއަށް ފޮނުވައިފައިވާ އޭނާ އޭސީސީއަށް ފޮނުއްވި ސިޓީ ވެސް ހިމަނުއްވައިފައެވެ.

އޭނާގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ޞައްޙަ ވިޔަފާރިއެއްގެ ތެރެއިން އެކައުންޓަށް ޖަމާވެފައިވާ ފައިސާތަކެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ބަޔާނެއްވެސް ނެރުއްވައިފައެވެ. އޭގައި ވިދާޅުވެފައިވަނީ އެފައިސާ އޭނާގެ އެކައުންޓަށް ވަދެފައިވާކަން އެނގިވަޑައިގެންނެވީ ވަރަށްފަހުން ކަމަށެވެ. އެކަން ފާހަގަވި ހިސާބުން އޭގެ ތަފްސީލާއެކު އޭސީސީއަށް އެ މުޢާމަލާތުގެ މަޢުލޫމާތު ދެއްވި ކަމަށެވެ.

އެއީ 2014 ވަނައަހަރު އޮގަސްޓް 31 ގައި ހިނގި މުޢާމަލާތެއް ކަމަށާއި، އެއީ މީގެ ފަސް އަހަރުކަމުން އެކަމާ މެދު ކުޑަވެސް ފަރުވާލެއް ބެހެއްޓިފައިނުވާކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ މުޢާމަލާތަކީ ފައިސާ ދީގެން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު އޭނާގެ ކޮއްކޮ މެދުވެރިކޮށް ހިންގާފައިވާ ޞައްޙަ މުޢާމަލާތެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައީސާއަށް ވީގޮތް ތަފްސީލްކޮށް މިރިޕޯޓުގައި ހިމަނާފައިވެއެވެ. ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން 77.5 މިލިއަން ޑޮލަރުވަނީ ގެއްލިފައެވެ. އޭގެ ތެރެއިން 12.5 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ވަދެފައިވާ ކަމަށް ވެސް ރިޕޯޓުން އެނގެއެވެ. އޭގެ ތެރެއިން ބޮޑުބައެއް ވަނީ އެސްއޯއެފް އާއި މިލީނިއަމް ކެޕިޓަލް ކުންފުނީގެ އެކައުންޓްތަކަށް ޖަމާވެފައި ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ގަބޫލުކުރިޔަސް ނުކުރިޔަސް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓްމަންޓަކުން އަސްލު ވަގުންނެއް ނޭގޭނެ. އޭގައި ފެންނަން އެއޮތް މީހުންގެ ތެރެއިން %90 އަކީ ޑޮލަރުގަތް މީހުން. ވަގު ފައިސާ ބެހީ ސީދާ ކޭޝް އިން. އެއީ ފަޅާއެރިޔަ ނުދޭން އަދީބު އެކަން ކުރި ގޮތް. އެކަން ހޯދުމަކީ ވަރަށް އުދަގޫ ކަމަކަށް ވާނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.