ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން މިއަދު ބާޠިލް ކުރައްވައިފިއެވެ. ހައިކޯޓުން ވިދާޅުވެފައިވަނީ އެ މައްސަލަ ބާޠިލް ކުރެއްވީ މައްސަލަ ހުށަހެޅުއްވި ފަރާތުން މިއަދު ހާޒިރު ނުވުމުންކަމަށެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެެން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ، ފައިވްރޯޒް މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.
އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައިފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވަން ހަމަޖެއްސި އަޑުއެހުމެކެވެ. އެހެންނަމަވެސް އެމައްސަލައިގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ މަރިޔަމް ޝުނާނާ ވިދާޅުވީ އިޖުރާއީގޮތުން މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅުއްވައި މައްސަލަ މިއަދު ބާޠިލް ކުރައްވާނެކަން ކުރިން ވެސް ލަފާ ކުރެވިފައިވާ ކަމަށެވެ.
ޝުނާނާ ވިދާޅުވީ މިއަދު ކޯޓަށް ވަޑައިނުގަނެވުނީ އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ. "މިއަދު ކޯޓުން ގުޅާފައި ވިދާޅުވީ އަޑުއެހުން ކެންސަލް ވެއްޖެޔޭ، ވަކިއަޑުއެހުމެއް ކަމެއް ވިދާޅެއް ނުވޭ ކޯޓުން. މިއަދު ދެ އަޑުއެހުމެއް އޮތް. ޙަޤީޤަތުގައި ކެންސަލްވީ އެހެން އަޑުއެހުމެއް. އަޅުގަނޑުމެންނަށް ނުވެސް ގުޅާކޯޓަކުން. ނައީ ކީއްވެތޯ ވެސް ނުބައްލަވާ. މިކަހަލަ މައްސަލަތަކުގައި ކޯޓުން ޢާއްމުކޮށް ގުޅުއްވާނެ ކީއްވެތީ ޙާޒިރުނުވީ ބައްލަންވަން،" ޝުނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އާދީއްތަދުވަހު ހެނދުނު ހެނދުނާ އަލުން ކޯޓަށް ހުށަހަޅުއްވައި އެދުވަހުން ދުވަހަށް އަޑުއެހުމެއް ބޭއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.