އެއާބަސް އޭ380 އުފެއްދުން ހުއްޓާލަން ނިންމައިފި

ދުނިޔޭގައި މިހާތަނަށް އެފެއްދި ފަސިންޖަރުން އުފުލާ އެންމެ ބޮޑު މަތިންދާބޯޓު އެއާބަސް އޭ380 އުފެއްދުން ހުއްޓާލަން ނިންމިކަން އެބޯޓު އުފައްދާ ކުންފުނި އެއާބަސް އެސްއީ އިން މިއަދު ހާމަކޮށްފިއެވެ.

އުފައްދަން ފެށި ފަހުން 12 ވަރަކަށް އަހަރުވީ އަގުބޮޑު ބިޔަ މަތިންދާބޯޓަކީ ފަސިންޖަރުންނާއި ސިޔާސީ ވެރިންނަށް ކިތަންމެ ހިތްގައިމު އެއްޗަކަށް ވީނަމަވެސް، ގިނަ އެއާލައިންތަކުން އެ ބޯޓަށް ދީފައިވަނީ ފިނި ތަރުހީބެކެވެ. އޭގެ ބަދަލުގައި އެއާލައިންތަކުން އިސްކަން ދެނީ ކުޑަ، ނިސްބަތުން އަގުހެޔޮ. ތެލުގެ ޚަރަދުކުޑަ ބޯޓުތަކަށެވެ.

އެއާބަސް އިން މިއަދު ބުނީ އޭ380 މަރުކާގެ އެންމެ ފަހު ބޯޓު ހަވާލުކުރާނީ 2021 ވަނަ އަހަރުއެވެ. މި ނިންމުން ނިންމީ، އެ މަތިންދާބޯޓު އެންމެ ގިނައިން ގަތް އެއާލައިން، އެމިރޭޓްސް އިން ދީފައިވާ 39 އެ380 ގެ އޯޑަރު ކެންސަލްކުރުމުންނެވެ. އެމިރޭޓްސް މިހާރު ނިންމާފައިވަނީ އޭ330 ނެއޯ ގެ 40 މަތިންދާބޯޓާއި، އޭ350 ގެ 30 ބޯޓު ގަތުމަށެވެ.

"(އެމިރޭޓްސްގެ) އެ ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އަހަރުން ދެން ހަދާކަށް މާގިނަ ބޯޓެއް ނެތް. އެހެކަމުން، ދެން އުފެއްދުން ކުރިއަށް ގެންދާނެ ބޭނުމެއް ނެތީ." އެއާބަސްގެ ޗީފް އެގްޒަކެޓިވް ޓޮމް އެންޑާސް ވިދާޅުވިއެވެ.

"މިއަދުގެ މިހާމަކުރުމަކީ އަހަރުމެންނަށްވެސް އަދި މުޅި ދުނިޔޭގައި ތިނ އޭ380ގެ އާއިލާއަށްވެސް ހިތްދަތި ހާމަކުރުމެއް." އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި ނިންމުމުގެ އަސަރު އެއާބަސް ކުންފުނީގެ 3500 މުވައްޒަފުންނަށް ކުރާނެއެވެ.

2000 ވަނަ އަހަރު އެއާބަސް ކުންފުނިން 555 ސީޓުގެ އޭ380 އުފައްދަން 10 ބިލިއަން ޑޮލަރު އިންވެސްޓުކުރަން ނިންމީ އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ފަސިންޖަރުން އުފުލާ މަތިންދާބޯޓު، އަދި އެއާބަސްގެ ވާދަވެރިޔާ ބޮއިންގް ކުންފުނީގެ 747 މަރުކާގެ މަތިންދާބޯޓާ ވާދަކުރުމަށެވެ. 747 ވަނީ 50 އަހަރަށް ވުރެ ގިނަ ދުވަހު ވައިގެ ދަތުރުފަތުރުގައި ހޭދަކޮށްފައެވެ. 747 އަށް ލިބޭ ތަރުހީބުވެސް މިހާރު ކުޑަވަމުން ދިއުމާއެކު، ބޮއިންގް ކުންފުނިން ބުނެފައިވަނީ 2022 އަހަރު އެ ބޯޓު އުފެއްދުން ހުއްޓާލަން ޖެހިދާނެ ކަމުގައެވެ.

އޭ380 އުފެއްދުން ހުއްޓާލަން ނިންމުމަކީ ހައިރާންކުރުވަނިވި ނިންމުމެއް ނޫނެވެ. އެހެނަސް، އެ ނިންމުން ވެގެންދާނީ މިއަހަރު 50 އަހަރު ފުރޭ، މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުންޏަށް ލިބޭ ލަދުވެތިކަމަކަށެވެ.

އެމެރިކާގެ އެއާލައިނަކުން އޭ380 އެއްގޮތަކަށްވެސް ގަނެފައި ނުވާއިރު، ލުފްތަންސާ، އެއާފްރާންސް، ކޭއެލްއެމް އަދި ކަންޓަސް ފަދަ އެއާލައިންތަކުން ވެސް ވަނީ އޯޑަރުތައް ވަރަށް މަދުކޮށްފައެވެ.

ދުނިޔޭގައި އޭ380 އެންމެ ގިނަ އެއާލައިނަކީ ދުބާއީގެ އެމިރޭޓްސް އެވެ. އެ އެއާލައިނުން މިހާރު އޭ380 ގެ 190 ބޯޓު ބޭނުންކުރާއިރު، 2021 ވަނަ އަހަރުގެ ކުރިން އެ އެއާލައިނަށް އޭ380 ގެ 14 މަތިންދާބޯޓު ގެންނާނެއެވެ. އޭ380 ގެ ފުރަތަމަ މަތިންދާބޯޓުގަތް ސިންގަޕޯރ އެއާލައިންސްގައި އޮންނަނީ އޭގެ 24 މަތިންދާބޯޓެވެ. ދެން އެމަތިންދާބޯޓު ބޭނުންކުރާ އެއާލައިންތަކުގެ ތެރޭގައި ޔޫއޭއީގެ އިއްތިހާދު އެއާވޭސް، ޤަޠަރު އެއާވޭސް، އޯލް ނިޕޯން، ކޮރެއަން، އޮސްޓްރޭލިޔާގެ ކަންޓަސް، އެއާ ފްރާންސް، ލުފްތަންސާ، މެލޭޝީޔާ އެއާލައިންސް، ތައި އެއާވޭސް، އޭޝިޔާނާ އަދި ޗައިނާ ސަދަން ފަދަ އެއާލައިންތައް ހިމެނެއެވެ.

އެއާބަސް އޭ380 މަތިންދާބޯޓެއްގެ އެވަރެޖް އަގު 375 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.