އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ސިފައިންނަށް އަމަޒާކޮށް ދިން ހަމަލާއެއްގައި 27 މީހުން މަރުވެއްޖެ

ހަމަލާއަށްފަހު ބަސް އޮތް ގޮތް

އީރާނުގެ އިރު ދެކުނުގައި ރިވޮލިއުޝަނަރީ ގާޑުގެ ބަހަކަށް އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 27 މީހުން މަރުވެ 13 މީހުން ޒަޚަމްވެފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފިއެވެ.

"އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސްގެ ބަޔަކާ ދެކޮޅަށް ޓެރަރިސްޓް އަމަލު ހިންގާފައި ވަނީ ޚާޝް-ޒާހިދާން މަގުގައި." އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނެފައި ވެއެވެ.

"މިހަމަލާގައި، ގޮވާތަކެތިން ބަރާކޮށްފައި އޮތް ކާރެއް ރިވޮލިއުޝަނަރީ ގާޑްސްގެ ޔުނިޓަކާއިގެން ދިޔަ ބަހެއްގެ ކައީރީގައި ގޮއްވާލާފައިވޭ. އެކަމުގެ ސަބަބުން އަހަރުމެންގެ އިސްލާމީ ވަޠަނުގެ ސަރަހައްދު ހިމާޔަތްކުރާ މީހުންގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވި." އިރްނާގެ ޚަބަރުގައި ވެއެވެ.

ފާރްސް ނިއުސް އެޖެންސީން އާއްމުކުރި ފޮޓޯއަކުން ފެންނަ ގޮތުގައި، ގޮވުމުގެ ބާރުގަދަ ކަމުން ހަމަލާގެ އަމާޒަކަށްވި ބަސްވަނީ ދަގަނޑު ފުންޏަކަށް ވެފައެވެ.  

ފާރްސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ޖައިޝޭ އަދްލް ކިޔާ ހަނގުރާވެރި ޖަމާއަތަކުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ އެއީ ކުރިން އީރާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ޖުންދުﷲ އަށް ފަހު 2012 ވަނަ އަހަރު އުފެދުނު ޖަމާއަތެކެވެ.

"ޖައިޝޭ އަދްލުން ވަނީ ޓެރަރިސްޓު ހަމަލާގެ ޒިންމާ ރަސްމީކޮށް އުފުލައި ބަޔާނެއް ނެރެފައި." ފާރްސްއިން ބުނެފައި ވެއެވެ. ޖައިޝޭ އަދްލަކީ އީރާނު ސަރުކާރުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ބަލާ ޖަމާއަތެކެވެ.  އެއީ ޕާކިސްތާނު ސަރަހައްދު ކައިރީގައި ދިރިއުޅޭ ބައިމަދު ބަލޯޗު ދަރިކޮޅުގެ މީހުންނަށް ހައްގުގޮތައް ހޯދައިދިނުމުގެ ނަމުގައި ހަނގުރާމަކުރާ ޖަމާއަތެކެވެ.

އިއްޔެގެ ހަމަލާ ދީފައި ވަނީވެސް ޕާކިސްތާނާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ސިސްތާން-ބަލޯޗިސްތާން ޕްރޮވިންސުގައެވެ. އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ރިވޮލިއުޝަނަރީ ގާޑުން ވަނީ މި ހަމަލާގެ ފަހަތުގައި ޕާކިސްތާނު ވާކަމަށް ނުސީދާކޮށް ތުހުމަތުކޮށްފައެވެ.

މިހަމަލާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ބުނެފައި ވަނީ "ޝަހީދުންގެ ލޭގެ ބަދަލު އަހަރުމެން ހިފާނަން" ކަމުގައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއަކީ އެގައުމުގައި ވަރަށް ވަރުގަދަ ބާރެކެވެ. އެބާރު އޮންނަނީ ސީދާ ރޫހާނީ ލީޑަރުގެ ބެއްލެވުމުގެ ދަށުގައެވެ. އީރާނުގެ އިސްލާމީ އިންގިލާބަށް ފަހު މޭ 1979 ގައި އުފެއްދި މި ލަޝްކަރުގައި 1 ލައްކަ 25 ހާސް ސިފައިން ތިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.