2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ޤަޠަރުން ޣައްޒާއަށް 1.1 ބިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ދީފައިވާކަން ހާމަވެއްޖެއެވެ.
ފައިސާ ޣައްޒާއަށް ޓްރާންސްފާ ކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކާ ގުޅިގެން ބައިނަލްއަގްވާމީ ޖަމާއަތަކުން އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި 2018 ވަނަ އަހަރު އެކަނިވެސް 200 މިލިއަން ޑޮލަރު ޣައްޒާއަށް ފޮނުވާފައި ވެއެވެ. އެއީ އިންސާނީ އެހީއާއި، ހަކަތައަށް ޚަރަދުކުރުމަށާއި، މުވައްޒަފުންގެ މުސާރައަށް ދިން ފައިސާއެވެ. މީގެ އިތުރުން ޤަޠަރުން ވަނީ އދ. ގެ އިދާރާތައް މެދުވެރިކޮށް ފާއިތުވި އަހަރު އިތުރު އެތައް މިލިއަން ޑޮލަރެއްގެ އެހީ ޣައްޒާއަށް ދީފައެވެ.
މި މައުލޫމާތުތަކުން އެނގޭ ގޮތުގައި ފާއިތުވި އަހަރުތަކުގައި ޤަޠަރުން ދިން އެހީގެ %44 ބޭނުންކޮށްފައި ވަނީ ޣައްޒާގެ ވަތުއޮނިގަނޑު މަރާމާތުކޮށް ރަނގަޅުކުރުމަށެވެ. އަދި %40 ތައުލީމާއި ސިއްހަތަށް އިންވެސްޓުކުރިއިރު، ބާކީ ހުރި ފައިސާ ދީފައިވަނީ ހަމާސްއާއި ބައެއް އެހެން ޖަމާއަތްތަކަށެވެ.
ފަލަސްޠީނު ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދ. ގެ އިދާރާ، އަންރުވާއަށް އެމެރިކާއިން ދޭ އެހީ ފާއިތުވި އަހަރު ހުއްޓާލުމާ ގުޅިގެން އެ އިދާރާއަށް ޤަޠަރުން ކުއްލި އެހީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދީފައި ވެއެވެ.
ފާއިތުވި ޖަނަވަރީ މަހު ޤަޠަރުން ވަނީ ޣައްޒާއަށް އެހީވުމަށްޓަކައި އދ. ގެ ތަފާތު އިދާރާތަކަށް 500 މިލިއަން ޑޮލަރު ދިނުމާ ބެހޭ އެއްބަސްވުމުއްގައި ސޮއިކޮށްފައެވެ. އެ ފައިސާގެ ބޮޑު ބައެއް ލިބޭނީ އަންރުވާއަށެވެ. އަދި އެ ފައިސާގެ އެހީގައި އދ. އިދާރާތަކުން ޣައްޒާގައި ވަޒީފާ ނެތިފައި ތިބި 1 ލައްކަ 80 ހާސް މީހުންނަށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތްކުރާނެއެވެ.
މިފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކުން ޣައްޒާގެ މަދަނީ މަޝްރޫއުތަކުގައި އިންވެސްޓްކުރުން މަދުކޮށްފައިވާއިރު ޤަޠަރު ފާހަގަކުރެވިފައި ވަނީ ޣައްޒާއަށް އެންމެ ބޮޑު އެހީދޭ ގައުމުގެ ގޮތުގައެވެ. ޤަޠަރުގެ އިތުރަށް ބައެއް އަރަބި ގައުމުތަކުން ޣައްޒާގައި އިންވެސްޓްކޮށްފައި ވެއެވެ. މިގޮތުން ޣައްޒާގައި މީރުފެން އުފައްދާ ޕްލާންޓެއް ގާއިމުކުރުމަށް ސައޫދީން އިންވެސްޓްކޮށްފައިވާކަން ފާހަގަކުރެވެއެވެ.