މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކޭންޕުތައް ބަންދުކުރޭ: ތުރުކީ ޗައިނާއަށް

އުއިގޫރް މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގޮވާލާ އދ. ގެ މައި އިދާރާގެ ކުރިމަތީގައި ބަޔަކު މުޒާހަރާކުރަނީ

ޗައިނާގެ ޒިންޖިއާންގް ޕްރޮވިންސުގެ އުއިގޫރް މުސްލިމުން ކޭންޕުތަކުގައި ބަންދުކޮށްގެން ގެންގުޅުން ހުއްޓާލައި، އެތަންތަން ބަންދުކުރުމަށް ޗައިނާއަށް ގޮވާލާ ހަރުކަށި ބަޔާނެއް ތުރުކީގެ ފޮރިން މިނިސްޓްރީން ނެރެފިއެވެ. މި ބަޔާން ނެރުނީ ޗައިނާއިން ބައްދުކޮށްފައި ހުއްޓާ މަޝްހޫރު އުއިގޫރް ލަވަކިޔުންތެރިޔާ އަބްދުއްރަޙީމް ހަޔިތު މަރުވުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓީގެ ބަޔާނުގައި ބުނެފައި ވަނީ ޗައިނާ ސަރުކާރުން އުއިގޫރް މުސްލިމުން "ކޮންސެންޓްރޭޝަން ކޭމްޕްތަކަށް" ލައި "އަނިޔާކުރަމުންދާ" ކަމުގައެވެ. އަދި އެއީ މުޅި "އިންސާނިއްޔަތަށް ހުރި ލަދުވެތިކަމެއް" ކަމުގައެވެ.

ތުރުކީއަކީ ޗައިނާގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރުނު ފުރަތަމަ އިސްލާމީ ގައުމެވެ.  

"(އެއްވެސް ސަބަބެއް ނެތި ހައްޔަރުކޮށްފައިވާ) މިލިއަނަކަށްވުރެ ގިނަ އުއިގޫރް ތުރުކީންނަށް ކޮންސެންޓްރޭޝަން ސެންޓަރުތަކާއި، ޖަލުތަކުގައި އަނިޔާކޮށް ސިޔާސީ ގޮތުން ސިކުނޑިދޮންނަމުންދާ ކަމީ މިހާރު ސިއްރެއް ނޫނެވެ." އެ ބަޔާނުގައި ވެއެވެ.

"ޒިންޖިއާންގް ސަރަހައްދަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ނިމުމަކަށް ގެނައުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލް އަގްވާމީ މުޖުތަމައަށާއި، އދ. ސެކްރެޓަރީ ޖެނެރަލަށް އަހަރުމެން ގޮވާލަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހާމީ އަސްކޮއި ނެރުނު ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، "ހިތާމަޔާއެކު އަހަރުމެންނަށް އެނގިފައިވާ ގޮތުގައި މިފަދަ ވެށްޓެއްގައި ގަދަރުވެރި ޅެންވެރިޔާ އަބްދުއްރަހީމް ހަޔިތު ވަނީ ނިޔާވެފައެވެ. އޭނާ ގެންދެވީ އޭނާ ހެއްދެވި ޅެމެއްގެ މައްސަލައިގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އޭނާ ނިޔާވީ ހުކުމުން ދެ އަހަރު ނިމިފައި ވަނިކޮށެވެ."

އދ. ގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ޒިންޖިއާންގެ އުއިގޫރު މުސްލިމް އާބާދީގެ ގާތްގަނޑަކަށް %7 ކުމުގައިވާ 1 މިލިއަން މުސްލިމުން ވަނީ 'ސީޔަސީ ގޮތުން ތާޒާކުރުމުގެ ތައުލީމުދޭ" ކޭންޕުތަކުގައި ބަންދުކޮށްފައެވެ.

އަބްދުރަހީމް ހަޔިތު އަކީ 1964 ވަނަ އަހަރު ޒިންޖިއާންގް އުއިގޫރް އޮޓޮނޮމަސް ރީޖަންގެ ކާޝްގަރަށް އުފަން، މަޝްހޫރު ޅެންވެރިއެއް އަދި ލަވަކިޔުންތެރިއެކެވެ. ކާޝްގަރް ސޫކުލް އޮފް ފައިން އާޓްސްއިން ތައުލީމު ހާސިލުކުރި ހަޔިތުގެ ޅެންތައް ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރުކަން ހޯދާފައި ވެއެވެ. އޭނާ 'ހަނގުރާމައިގެ ޝަހީދުން' ގެ ނަމުގައި ހެދި ޅެމެއްގެ ސަބަބުން އޭނާ ހައްޔަރުކޮށް 8 އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އިއްޔެ އޭނާ ވަނީ މަރުވެފައެވެ.

ތުރުކީގެ ވެރިރަށް އަންކަރާގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި، ތުރުކީގެ ބަޔާނަށް ފާޑުކިޔަމުން ބުނެފައި ވަނީ އެއީ "އަސްލެއް ނެތް ތުހުމަތުތަކެއް" ކަމުގައެވެ.

"ޓެރަރިޒަމާ ހައްދު ފަހަނައަޅައިދިއުމާ ދެކޮޅަށް ގާނޫނީ ގޮތުން ޗައިނާއިން އަޅަމުންދާ ފިޔަވަޅުތައް ރަނގަޅު ގޮތުގައި ތުރުކީން ދެނެގަންނާނެކަމަށް އަހަރުމެން އުއްމީދުކުރަން." ޗައިނާ އެމްބަސީގެ ބަޔާނުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.