އިސްލާމިކް ސްޓޭޓާ ދެކޮޅަށް 'ފަހު ހަމަލާ' ފަށައިފި

ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ހަނގުރާމަވެރިން ބާޣޫޒް އަވަށް ކައިރީގައި

އެއްދުވަސްވަރެއްގައި އިރާގާއި ސީރިޔާގެ ބޮޑު ބައެއް ހިފައި އެ ސަރަހައްދުގައި އިސްލާމީ ޚިލާފަތެއް އިއުލާންކުރި ހަރުކަށި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) އާ ދެކޮޅަށް ދޭ ފަހު ހަމަލާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) ގެ ލަޝްކަރުން ފަށައިފިއެވެ.

ކުރިން އެ ޖަމާއަތުން ވެރިކަން ކުރި ސަރަހައްދުގެ %1 ގެ ސަރަހައްދެގައި ސީރިޔާގެ ދޭރައްޒޫރް ޑިސްޓްރިކްޓްގައި ބަންދުވެފައި ތިބި އައިސިސްގެ ހަނގުރާމަވެރިން ބަލިކޮށް އެ ސަރަހައްދު ހިފުމަށް އެސްޑީއެފުން ހަމަލާތައް ފަށާފައި ވަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. އެމެރިކާގެ ވައިގެ އަސްކަރިއްޔާ، ކޯލިޝަންގެ ބާރުތަކުން ދަނީ އެސްޑީއެފަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެ ސަރަހައްދުގައި ތިބި އާއްމުންނަށް ސަރަހައްދު ދޫކޮށް ދިއުމަށް އެއް ހަފުތާގެ މުހުލަތެއް ދިނުމަށް ފަހު އިއްޔެ ހަމަލާ ފެށިއިރު، އެސްޑީއެފުން ބުނެފައި ވަނީ އެމީހުންގެ މަގްސަދަކީ މިހާރު އައިސިސްގެ ބާރުގެ ދަށުގައި އޮތް 4 އަކަ ކިލޯމީޓަރުގެ ސަރަހައްދު ހިފުމެވެ.

"ބާޣޫޒް އަވަށުގައި އައިސިސް ފުނޑުފުނޑުކޮށްލުމަށް އެސްޑީއެފުން ފަހު ހަނގުރާމަ ފަށައިފިއެވެ." އެސްޑީއެފުން ނެރުނު ބަޔާނެއްގައި ވެއެވެ. ޚަބަރުތައް ބުނާގޮތުގައި އައިސިސްގެ ހަނގުރާމަވެރިން މިހާރު ތިބީ ކުޑަ ދެ އަވަށެއްގައި ހިސާރުވެފައެވެ.

އެސްޑީއެފްގެ ތަރުޖަމާނު އިއްޔެ ބުނިގޮތުގައި، އެ ސަރަހައްދުގެ 20 ހާސް އާއްމުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އެސްޑީއެފްގެ ހަނގުރާމަވެރިން ފާއިތުވި އޮކްޓޯބަރު މަހު އައިސިސްއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން މިހާތަނަށް އައިސިސްގެ 1279 ހަނގުރާމަވެރިންނާއި، އެސްޑީއެފްގެ 678 ހަނގުރާމަވެރިން މަރުވެފައި ވެއެވެ. އަދި 37000 މީހުން އެ ސަރަހައްދު ދޫކޮށް ފިލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އައިސިސް ހަނގުރާމަވެރިންގެ އަނބި ދަރިންކަމަށް ވާއިރު، 3 ހާހެއްހާ ހަނގުރާމަވެރިންވެސް ތިއްބެވެ.

މުސްޠަފާ ބާލީ ވިދާޅުވީ ލަފާކުރެވޭ ގޮތުގައި އައިސިސްގެ ދަށުގައި މިހާރު އޮތް ކުޑަ ސަރަހައްދުގައި ތިބީ 600 އެއްހާ ހަނގުރާމެވެރިންނެވެ.

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އައިސިސް މުޅިން ބަލިކުރެވިފައިވާކަން އިއުލާންކުރެވޭނެއެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން އެކަމާ މެދު ޝައްކުކުރެއެވެ.

އެސްޑީއެފަކީ މައިގަނޑު ގޮތެއްގައި ކުރުދީ ހަނގުރާމެވެރިންގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. އެސްޑީއެފްގެ ލަޝްކަރުގައި 60 ހާހަށްވުރެ ގިނަ ހަނގުރާމަވެރިން ތިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.