ހޮޅީންގެ ކިއްލާއަށް ދޮންބަންޑާރައިން ދެއްވި ރޭވުންތެރި ވަރުގަދަ ޙަމަލާ

ހޮޅީން ނުވަތަ މަލާބާރުންނަކީ ދިވެހި ޖަޒީރާ ރަށްތަކަށް ގަދަކަން ދައްކައި އެރަށްތަކަށް ވެރިވެގަތް ބައެކެވެ. ހޮޅީން ރާއްޖެ އަޅުވެތި ކުރީ ޕޯޗުގީޒުންގެ
އަޅުވެތިކަމުން އުތީމު ރަދުން ރާއްޖެ ސަލާމަތް ކުރެއްވިތާ ގާތްގަނޑަކަށް 185 އަހަރު ފަހުންނެވެ. އެއީ ހިޖުރައިން 1166 ވަނަ އަހަރުގެ ޞަފަރުމަހުގެ 22 ވަނަ ދުވަހެއެވެ. ހޮޅީންގެ އަތްދަށަށް ރާއްޖެ ދިޔައީ ދިވެހި ދެ ޚާއިނެއްގެ އެހީތެރިކަމާއި މަދަދާއެކުގައެވެ. އެ ދެ މީހުންނަކީ ޙަސަން ތާޖުއްދީންގެ ދެ ދަރިކަލުން ކަމަށްވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަޙުމަދު މުޙުޔިއްދީނެވެ. ދިވެހި އުންމަތަށް ޚިޔާނާތްތެރިވި އެ ދެ ޚާއިނުން ވެރިކަމުގެ ދަހިވެތިކަމުގައި ހިންގި އެ ޖަރީމާގެ ބަދަލެއްގެ ގޮތުން ހޮޅީން ވަނީ އެދެމީހުންގެ ގައިގައި ހިލަބަނދެ ކަނޑު ފައްތައި މާރާލައިފައި ކަމަށް ތާރީޚު ޢިލްމުވެރީން ވިދާޅުވެފައިވެއެވެ.

ބޭރު ބައެއްގެ އަތްދަށް ރާއްޖޭގެ ވެރިކަން މިގޮތަށް ފުރޮޅިގެންދާ ކޮންމެ ފަހަރަކު ދިވެހި އުޑުދަށުން ވަރުގަދަ ފަހުލަވާނަކު ނުމުގެ އެބައެއްގެ ވެރިކަން އެފުށްމިފުށަށް ޖައްސަވައި ރާއްޖެ ސަލާމަތް ކުރައްވައެވެ.

ހޮޅިންގެ އަތްތަދުން ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަތިވެރި ކަމަރު ބަންވައި އެމަސައްކަތަށް ނުކުމެ ވަޑައިގެންނެވީ ހުރަވީދުވަސް އެބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނުލް ހުރަވީ ނުވަތަ މުލީގެ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނެވެ.

ޙަސަން މަނިކުފާނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ޙަސަންމަނިކުފާނު ނުވަތަ މުލީގޭ ދޮން ހަސަންމަނިކުފާނެވެ. މައިފުށުން އެމަނިކުފާނު ގުޅިވަޑައިގަންނަވަނީ ހުރާ ދޮންމަރުދުރުގެ ފަނޑިއަތް ތަކުރުފާނާއެވެ. ޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންގެ އަނބި ކަނބަލުންނަކީ ފެންފުށީ ކަކާ އަޅި ތަކުރުފާނުންގެ އާމިނާ ފާނު ކަމަށް ވެއެވެ.

ކޮންމެއަކަސް ހޮޅިންގެ ވަކިތައް ރާއްޖޭގައި ގަދަވެ ތަންތަން ރޯކޮށް ލޫޓުވައި މީހުންނަށް އަނިޔާކޮށް ހަދަން ފެށުމުން އެއަނިޔާތަކަށް ކެތްކޮށްލެވުމަކީ ދިވެހި ޤައުމުގެ ޙައްޤުގައި ދޮންބަންޑާރައިންނަށް ކުޅަދާނަވާ ކަމަކަށް ނުވިއެވެ. އެހެންވެ އެމަނިކުފާނު ހޮޅިންނާ ހަނގުރާމަ ކުރައްވަން ނިންމެވިއެވެ. އެމަތިވެރި ޖިހާދަށް ފެއްޓެވުމުގެ ކުރިން އެޒަމާނުގެ ހަނގުރާމައަށް ކުޅަދާނަ ބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. މަޝްވަރާއަށްފަހު ހަނގުރާމައަށް ފަރިތަ ހެވިކަމަށް ކުޅަދާނަ ލަޝްކަރެއް އެއްކުރެއްވިއެވެ. އެ ލަޝްކަރުގައި ތިބި ކަމަށްވަނީ ގާތްގަނޑަކަށް ފަސްދޮޅަހަކަށް ހަނގުބޭކަލުންނެވެ. އެމަނިކުފާނު ވަރަށް ސިއްރިއްޔާތުގައި އެ ލަޝްކަރު ތައްޔާރު ކުރައްވައި ހޮޅީންގެ ވެރިކަމުގެ ކިއްލާކަމަށްވާ "ވެޔޮދޮށުގަނޑުވަރު" އާ ދިމާކުރައްވަން ނިންމެވިއެވެ. މަޝްވަރާއާއި އެތައް ރޭވުންތަކަށް ފަހު އެމަނިކުފާނު ނިންމެވީ ކިއްލާގެ ދޮރުވާނާ ވާހަކަ ދައްކައިގެން ގަނޑުވަރަށް ވަދެވޭނެ ގޮތެއް ހޯއްދެއްވުމަށެވެ.

އެގޮތުގެ މަތީން ނިންމެވީ ހޮޅީންގެ އާދައިގެ މަތީން ރާބޮއި މަޖާކުރާން ތިބެފައި ނިދީމައި ކިއްލާއާ ދިމާކުރާށެވެ. ހޮޅިންގެ އޭރުގެ އާދައަކީ ރޭގަނޑު މަޖާކުރަން ތިބެފައި މުނާޖާ ގޮވީމައި ނިދުމެވެ. އެހެން ކަމުން މުނާޖާ ގޮވާމީހާއާ ވާހަކަ ދައްކައިގެން އެ ރޭގެ މުނާޖާ އަވަހަށް ގޮވާތަށް ކަންކަން އިންތިޒާމް ކުރެއްވިއެވެ.

ކޮމާންޑަރުގެ ރޭވުމާ އެއްގޮތަށް ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރުމަހުގެ 3 ވަނަރޭ މުނާޖާގޮވާ މީހާ ޢާއްމުކޮށް ގޮވާވަގުތަށްވުރެ ކުރިން މުނާޖާ ގޮވައިފިއެވެ. މުނާޖާގެ ހިމޭން އަޑާއެކު މަޖާކޮށް ކުޅިޖަހަން ތިބި ހޮޅިން ވެސް މައިތިރިވެ ނިދުމާ ކުރިމަތިލިއެވެ. އެމީހުންގެ ވެރިއަކަށް ހުރީ މުޙައްމަދު ބަންޑޯރާ ކިޔާ މީހެއް ކަމަށް ވެއެވެ. އޭނާއާއެކު ދެންތިބި މީހުން ވެސް ނިދައިފިއެވެ.

މިހިސާބަށް ކަންކަން ދިޔައިރު ދޮންބަންޑާރައިންނާއި އެމަނިކުފާނުގެ ލަޝްކަރު އޮތީ ތައްޔާރީ ޙާލަތަށް އައިސްފައެވެ. ލަޝްކަރުއޮތީ ކޮމާންޑަރު އިޝާރާތެއްގެ އިންތިޒާރުގައެވެ. ނިދީގެ ތެރެއަށް ހޮޅީން ޣަރަގުވުމުން ދޮންބަންޑާރައިން އިސްވެ ހުންނަވައި ކުރެއްވި ކަމަކީ ކުރިންވެސް ރޭވިފައިވާ ގޮތުގެ މަތީން (ދޮރުވާނުގެ އެހީތެރިކަމާއެކު) ކިއްލާގެ ތެރެއަށް މުޅި ލަޝްކަރު ދެމިގެންފިއެވެ. ފިސާރި ޖޯޝާއި ޢަޒުމާއެކީގައެވެ.

ދޮންބަންޑާރައިންގެ ވަރުގަދަ ޙަމަލާ އެންމެ ފުރަތަމަ ވެސް އަމާޒުކުރެއްވީ މަސްތުގެ ޙާލުގައި ނިދާފައިއޮތް މުޙަމައްމަދު ބަންޑޯރީގެ ކަރަށް ކަމަށް ވެއެވެ. އެހިސާބުން ދިވެހި ލަޝްކަރުގެ ޙަމަލާތައް ވަރުގަދަކޮށް ހޮޅިންގެ ލަޝްކަރަށް އަހުވަ ދައްކައި އެމީހުންގެ ވަސް ވެސް ފިލުވައިފިއެވެ.

މާތްﷲ މިންވަރު ކުރެއްވި ނަޞްރާއި ފަތަޙައިގެ ސަބަބުން އަނެއްކާވެސް ދިވެހިރާއްޖެއަށް މިނިވަންކަން މިންވަރު ކުރައްވައިފިއެވެ. ހޮޅީންގެ ވަކިތަކުން ރާއްޖެ ސަލާމަތް ކުރައްވައި މިނިވަން ޖައްވަކަށް ނޭވާލުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވީއެވެ. ހިޖުރީ ސަނަތުން 1166 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހަށް އަލިވިލުނީ އަޅުވެތި ކަމަކުން މިނިވަން ކަމަކަށް ދިވެހީން ނޭވާ ލައިލައި ތިއްބައެވެ.

މިމަތިވެރި ޖިހާދުގެ ޚަބަރުވާހަކަ މާލެތެރެއަށް ފެތުރުނު ހިނދު ރައްޔިތުން އެއްވެ ދޮންބަންޑާރައިންނަށް ވެދުންކޮށް ރަސްކަމަށް އިސްވެ ވަޑައިގެންނެވުމަށް ދެންނެވުނެވެ. އެހެންނަމަވެސް އެމަނިކުފާނު އެކަމުން މަނާވެ ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާން ކުރެވުނު ވެދުން ރައްޔިތުންނަށް ބެއްސެވުމަށް އަމުރު ކުރެއްވިއެވެ. އެއަށްފަހު ހޮޅީން ރާއްޖެ އަތުލައިގަތްއިރު ރަސްކަމުގައި އިންނެވި ރަސްގެފާނު (އައްސުލްޠާނު މުކައްރަމު މުޙައްމަދު ޢިމާދުއްދީން) ގެ ނަންފުޅުގައި ޢަދުލުވެރި ކަމާއެކު ވެރިކަން ހިންގަވަން ފެއްޓެވިއެވެ.

ރާއްޖޭގެ ވެރިކަން ފޭރިގަތުމަށްފަހު ހޮޅީންވަނީ އެރަސްގެފާނު ވެސް ގެންގޮސްފައެވެ. އެ ރަސްގެފާނާއެކު ދޮންބަންޑާރައިންގެ ބައްޕާފުޅު ވެސް ގެންދިޔަ ކަމަށް ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.  އެ ދެބޭފުޅުން ގެންގޮސް ތިބި މަލިކުގައި ކަމަށް ބުނެވެއެވެ. އެބޭފުޅުން ގެންދިޔައީ ކަންނަންނޫރަށް ކަމަށް ވެސް ބައެއް ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

ކޮންމެ ގޮތެއްވިޔަސް ހޮޅިން ފަހާލުމަށްފަހު އެރަދުން މާލެ ގެންނެވުމުގެ މަސައްކަތް ދޮންބަންޑާރައިން ފެއްޓެވިއެވެ. އެހެންނަމަވެސް ލިބިވަޑައިގެންނެވި ޚަބަރަކީ އެރަދުން އަވަހާރަވި ކަމުގެ ޚަބަރެވެ. ދޮންބަންޑާރައިންގެ ބައްޕާޕުޅު އަވަހާރަވީވެސް ހޮޅިންގެ އަތަދަށުގައި ހުންނަވަނިކޮށްނެވެ.

ދޮންބަންޑާރައިން ތަޚުތަށް އިސްވެ ވަޑައިގެންނެވީ މަލިކުގައި ހުންނެވި ދިވެހިރަދުން އަވަހާރަވެއްޖެކަން ކަށަވަރުވި ހިސާބުންނެވެ.

ދޮންބަންޑާރައިން ރަސްކަމާ ޙަވާލުވެވަޑައިގެންނެވީ ހިޖުރައިން 1173 ވަނަ އަހަރު ރަބީޢުލް އާޚިރު މަހުގެ 15 ގައެވެ. ރަސްކަމަށް އިސްވެ ވަޑައިގެންނެވުމަށްފަހު ރަސްކަން ކުރައްވަން ފެއްޓެވީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީކުލަ ރަންމީބަ ކައްތިރި ބޮވަނަ މަހާރަދުންގެ ނަންފުޅުގައެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގައި ވެސް ދެފަހަރު ނުވަތަ ތިން ފަހަރެއްގެ މަތިން ހޮޅިގެން ދުއްތުރާލާ ކުރިމަތިވިޔެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު އެމަނިކުފާނު ވަނީ އެމީހުން ބަލިކުރައްވައި ފަހަތަށް ޖައްސުވައިފައެވެ.

ދޮންބަންޑާރައިންނަކީ ރާއްޖޭގައި ޢަދުލުވެރި ރަސްކަމެއް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ރަސްކަން ހަތް އަހަރު ވަންދެން އެމަނިކުފާނު ކުރެއްވިއެވެ. އަވަހާރަވީ 1180 ވަނައަހަރުގެ ރަމަޟާންމަހުގެ 2 ވަނަ ދުވަހުއެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ދަރިކަލުން ތިއްބެވިއެވެ. އެ މަނިކުފާނު ފަސްދާނުލެވުނީ، މާލޭ ހުކުރު މިސްކިތު ސަރަޙައްދުގައި ހުރި އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.

ރާއްޖޭގައި ކޮންމެއަހަރަކު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ ބަޠަލަކީ  ދޮންބަންޑާރައިންނެވެ. ހުރަވީ ދުވަހަކީ އެމަނިކުފާނު އިސްވެ ހުންނަވައި، ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި މަތިވެރި ދުވަހެވެ. ހުރަވީ ދުވަސް ފާހަގަ ކުރުމުގެ މަޤުސަދަކީ ދޮންބަންޑާރައިން ﷲގެ ވާގިފުޅާއެކު ރާއްޖެއަށް ހޯއްދަވައި ދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުމެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.