ތައިލޭންޑުގެ ޒަމާންވީ ޝާހީ އާދަކާދަ އެގައުމުގެ ޝާހީ އާއިލާގެ އަމީރާއަކު މުގުރާލައްވައިފިއެވެ. ރަސްގެފާނު މަހާ ވަޖިރަލޮންގްކޯރްންގެ ދައިތާފުޅު އަމީރާ އުބޮލްރަތާނާ ވަނީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާއަށް ނިސްބަތްވާ ސިޔާސީ ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އެކަމަނާގެ މިނިންމެވުމާއެކު، ސިޔާސީ މައިދާނުން ދުރުގައި ތިއްބެވުމަށް ޒަމާނުއްސުރެ ތައިލޭންޑުގެ ޝާހީ އާއިލާގެ ބޭފުޅުން ހިފަހައްޓަވަމުން އައި އާދަ ނިމުމަކަށް އައީއެވެ.
1951 ވަނަ އަހަރު އުފަންވެ ވަޑައިގަތް އުބޮލްރަތާނާ ރާޖާކަންޔާ ސިރީވަދަނާ ބަރްނަވާދީ އަކީ ތައިލޭންޑުގެ ކުރީގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖްގެ އެންމެ ދޮށީ ބޭފުޅާއެވެ. އެކަމަނާއަކީ ޝާހީ އާއިލާގެ އިސް މެންބަރަކަށް ވިޔަސް އެމަކަނާއަކީ އާއްމުންނާ ގާތް ގުޅުމެއް ބާއްވަވާ، މީސްމީޑިޔާ އާއި ރައްޓެހި ކަނބަލެކެވެ. އިސްޓަގްރާމުގައި އެކަމަނާގެ އެއްލައްކަ ފޮލޯވަރުން ތިބެއެވެ.
އަންނަ މާރިޗު މަހުގެ 24 ވަނަ ދުވަހު ތައިލޭންޑުގައި ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިޚާބުގައި ވާދަކުރާ ތައި ރަކްސަ ޗާޓް ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް ވާދަކުރައްވާނީ އަމީރާ އުބޮލްރަތާނާކަން އެޕާޓީން ވަނީ ހާމަކޮށްފައެވެ. އެ ޕާޓީއަކީ ކުރީގެ ދެ ބޮޑުވަޒީރުން ކަމުގައިވާ ތަކްސިން ޝިނަވަތުރާއާއި އޭނާގެ ކޮއްކޯފުޅު ޔަންގްލިކް ޝިނަވަތުރާގެ އާއިލާގެ ބޭފުޅުންނާއި ގާތް ބޭފުޅުން އުފައްދާފައިވާ ޕާޓީއެކެވެ.
"ތައުލީމީ، ހުނަރުވެރި ކަނބަލެއް ކަމުގައިވާ އަމީރާ އުބޮލްރަތާނާއަކީ ބޮޑުވަޒީރުކަމަށް އެންމެ އެކަށޭނަ ކެންޑިޑޭޓު ކަމުގައި ޕާޓީގެ ބޯޑުން ވަނީ ނިންމާފައި." ތައި ރަކްސަ ޗާޓް ޕާޓިގެ ރައީސު ޕްރީޗަޕޯލް ޕްންގްޕަނިޗު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އަމީރާ އުބޮލްރަތާނާ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ އަސްކަރިއްޔާއާ ގާތް ގުޅުމެއް އޮންނަ ޕަލަންގް ޕްރަޗަރާޓް ޕާޓިގެ ކެންޑިޑޭޓު އަދި މިހާރުގެ ބޮޑު ވަޒީރު ޕްރަޔުތު ޗަން-އޮޗާއާއެވެ. އޭނާއަކީ 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ އަސްކަރީ ޖެނެރަލެކެވެ.
ތައިލެންޑުގެ މިހާރުގެ އިންތިޚާބާ ބެހޭ ގާނުނު ބުނާގޮތުން އިންތިޚާބުގައި ވާދަކުރުމުގެ ކުރިން ކޮންމެ ޕާޓީއަކުންވެސް އެޕާޓީގެ ފަރާތުން ބޮޑުވަޒީރުކަން ކުރައްވާނެ ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ.