ޚާޝުޤްޖީ މަރާލުމުގެ ޖަރީމާ ރާވައި ހިންގާފައި ވަނީ ސައޫދީ އޮފިޝަލުން: އދ. ގެ ތަޖުރިބާކާރު

އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓުގައި ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލުމުގެ ޖަރީމާއަކީ "ގަސްތުގައި ހިންގާފައިވާ، ސައުދީ ދައުލަތުގެ އޮފިޝަލުންތަކެއް، ރާވާއި ތަންފީޒުކުރި" ކަމެއްކަން ހެކިތަކުން އެނގޭ ކަމުގައި އދ. ގެ ފަރާތުން އެ މައްސަލަ ތަހުގީގުކުރި ޓީމުން ބުނެފިއެވެ.

މައްސަލަ ތަހުގީގުކުރަން ތުރުކީއަށް ދިޔަ ޓީމުގެ ވެރިޔާ އެގްނަސް ކަލަމާޑް ވިދާޅުވި ގޮތުގައި ސައޫދީން ވަނީ އެ ހާދިސާ ހިންގާފައިވާ ތަން ކަމުގައިވާ، އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ބަލައި ތަހުގީގުކުރަން ތުރުކީން ކުރި މަސައްކަތަށް ހުރަސްއަޅައި، އެކަން ލަސްވާނެ ގޮތްތައް މެދުވެރިކޮށްފައެވެ.

"އަހަރެން ތުރުކީގައި ކުރި މަސައްކަތުން އެނގުނު ގޮތުގައި، ޚާޝުޤްޖީ ވަނީ އިސްވެ ރާވައިގެން ހިންގި، ރަހުމްކުޑަ، ސައޫދީ ދައުލަތުގެ އޮފީޝަލުންތަކެއް އަމަލީ ސިފަގެނައި މަރާލުމެއްގެ ޝިކާރައަށް ވެފައިކަން އެނގުނެވެ." އެގްނަސް ކަލަމާޑް އިއްޔެ އާއްމުކުރެއްވި ބަޔާނެއްގައި ވެއެވެ.

ޚާޝުޤްޖީ މަރާލުމުގެ އަމަލަކީ "ބައިނަލް އަގްވާމީ ގާނޫނުތަކާއި، ބައިނަލް އަގްވާމީ ގުޅުންތައް ބޭއްވުމުގެ އުސޫލުތަކާއި، ގާނޫނީ ހަމަތަކުގެ ތެރެއިން ޑިޕްލޮމެޓިކް މިޝަންތައް ހިންގުމުގެ އުސޫލުތަކާ ޚިލާފަށް" ކޮށްފައިވާ ކަމެކެވެ.

"ޖަމާލު ޚާޝުޤްޖީ މަރާލުމާއި، އެކަން ހިންގާވައިވާ ރަހުމްކުޑަ ގޮތުގެ ސަބަބުން އޭނާގެ އާއިލާއަށް ވަނީ އިއާދަނުކުރެވޭ ފަދަ ހިތްދަތިކަމާއި ހިތާމަ ކުރިމަތިވެފައެވެ." އަދި "އދ. ވެސް ހިމެނޭހެން، ބައިނަލް އަގްވާމީ މުޖުތަމައުން އަވަސްގޮތެއްގައި ސަމާލުކަން ދޭންޖެހޭ އަސަރުތަކެއް އެޖަރީމާގެ ސަބަބުން ވަނީ ކޮށްފައެވެ." އދ. ގެ ބަޔާނުގައި ވެއެވެ.

ޚާޝުޤްޖީގެ މައްސަލަ ތަހުގީގުކުރި ޓީމުގެ ފުރިހަމަ ރިޕޯޓު ހުށަހަޅާނީ، އަންނަ ޖޫން މަހުގެ ތެރޭގައި އޮންނަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަވުމަށެވެ. އެހެންނަމަވެސް، އޭގެ ދުވަސްކޮޅެއް ކުރިން، އަންނަ މޭމަހުގެ ތެރޭގައި، އެ ރިޕޯޓުން ބައެއް އާއްމުކުރާނެކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.