ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ގައްދޫގައި ހުޅުވައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫގައި ހުޅުވައިފިއެވެ.

 ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުގެ ގައްދޫ ގޮފި ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. އެމަނިކުފާނު އެތަން ހުޅުއްވައި ދެއްވީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް  މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހަވީރު ގައްދުއަށް ކުރެއްވި ޒިޔާރަތުގައެވެ.

އެ ގޮފި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި،ފަރުވާތެރިކަމާއެކު ބޭނުން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ.

ޤައުމު ތަރައްޤީ ކުރުމުގައި ހަމަޖެހުމުގެ އައްސޭރިއަކަށް ވާސިލު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން، އެކުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤައުމެއް ތަރައްޤީވެ، ކުރިއަރައިދާނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ”މަސްޖިދުލް އަމީން“ މިސްކިތް ވެސް ހުޅުއްވައިދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގައްދޫއަށް ވަޑައިގެންނެވުމުން ގައްދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގައްދޫއާއި ތިނަދޫ ކައުންސިލްގެ މެމްބަރުންނާ ވަކިވަކިން ބައްދަލު ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.