ރަޝިޔާއިން ކާމިޔާބުކަމާއެކު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފި

އާރްއެސް-24 ޔާރްސް މިސައިލް ސިސްޓަމެއް

ދުނިޔޭގެ ބައްރުތައް ހުރަސްކޮށް އަމާޒަށް ދަތުކުރުމުގެ ގާބިލުކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފި ކަމުގައި ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާރްއެސް-24 ޔާރްސް މަރުކާގެ މިސައިލް އުދުއްސާލާފައި ވަނީ ރަޝީޔާގެ ދެކުނުގެ އަރްޚަންގްލެސްކްގައި އޮންނަ ޕްލެސެޓްސްކް ސްޕޭސްޕޯޓުންނެވެ.

"ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު މޮސްކޯ ގަޑިން 11:30 ގައި، އެއްތަނުން އަނެއްތަނަށް އުފުލޭ، ސޮލިޑް ޕްރޮޕެލެންޓް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ވަނީ ގިނަ ވޯހެޑްތަކަކާއެކު ފްލެސެޓްސްކް ސްޓޭޓް ޓެސްޓިންގ ސްޕޭސް ޕޯޓުން ތަޖުރިބާކުރުމުގެ ގޮތުން އުދުއްސާލެވިފައެވެ. އެ ވޯހެޑްތައް ވަނީ އޭގެ ކަނޑައެޅިފައިވާ މަންޒިލް ކަމްޗަޓްކާ ޕެނިންސިއުލާ (ރަޝިޔާގެ ދުރު އިރުމަތި) ގައި އޮންނަ ހަތިޔާރު ތަޖްރިބާ ކުރަ ސަރަހައްދަށް ވާސިލުވެފައެވެ. މި ތަޖުރިބާ ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ." ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި  ވެއެވެ.

"މި އުދުއްސާލުމުގެ ބޭނުމަކީ ކުރިއަރާފައިވާ މިސައިލް ސިސްޓަމުގެ ކުޅަދާނަކަމާ، އުދުހޭ ގޮތް ދެނެގަތުމުވެ." ބަޔާނުގައި އިތުރަށް ވެއެވެ.

ޓޮޕޮލް-އެމް މިސައިލް ސިސްޓަމަށް ބަދަލުތަކެއް ގެނެސްގެން އުފައްދާފައިވާ ޔާރްސް އަކީ 12 ހާސް ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް ސިސްޓަމެކެވެ. އެއްތަނުން އަނެއްތަނަށް މިސައިލް އުފުލާ އުޅަނދުން އުދުއްސާލެވޭ ގޮތަށް ހަދާފައިވާ މި މިސައިލަށް ރަޝިޔާގެ ޔޫރަޕު ފަޅިން ގޮސް އެޓްލާންޓިކް ހުރަސްކޮށް އެމެރިކާގެ ކޮންމެ އަމާޒަކަށް ވެސް ވާސިލުވެވޭނެއެވެ.

ރަޝިޔާއިން އައިސީބީއެމް ތަޖުރިބާކޮށްފައި މިވަނީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއާއި ރަޝިޔާއިން ސޮއިކޮށްފައިވާ މިސައިލް ކޮންޓްރޯލުކުރުމާބެހޭ މުއާހަދާއިން އެމެރިކާ ވަކިވާން ނިންމިކަން ހާމަކުރި ދަނޑިވަޅާ ދިމާކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.