ޕާކިސްތާނުގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ސަރުކާރުގެ އިދާރާ ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ޕަންޖާބު ޕްރޮވިންސުގެ ވަޒީރަކު ހައްޔަރުކޮށްފިއެވެ. އަދި ހައްޔަރުކުރުމާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.
މަސައްކަތާ ނުބައްދަލު މުއްސަނދިކަން ހޯދުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޕަންޖާބް ޕްރޮވިންޝަލް ސަރުކާރުގެ ސީނިއާ މިނިސްޓަރ އޮފް ލޯކަލް ގަވަމެންޓް އެންޑް ކޮމިއުނިޓީ ޑިވެލެޕްމަންޓް އަލީމް ޚާނެވެ. އޭނާއަކީ ބޮޑުވަޒީރު އިމްރާން ޚާނުގެ ޕާޓީ، ޕާކިސްތާނު ތަހްރީކޭ އިންސާފު (ޕީޓީއައި) ގެ އިސް ބޭފުޅެކެވެ. އޭނާ އަކީ އެ ޕާޓީގެ ސެންޓްރަލް ޕަންޖާބު ޗެޕްޓަރުގެ ރައީސެވެ.
ބޮޑުވަޒީރު އިމްރާން ޚާނުގެ 100 ދުވަހުގެ އެޖެންޑާ ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުއި އެންމެ އިސްކޮށް އުޅުއްވީވެސް އޭނާއެވެ.
އަލީމް ޚާނަކީ ފާއިތުވި އަހަރު ޕާކިސްތާނުގައި ބޭއްވި އާއްމު އިންތިޚާބުގައި ޕީޓީއައިގެ ފަރާތުން ވާދަކުރައްވައި، ޕަންޖާބު ޕްރޮވިންޝަލް އެސެންބްލީގެ ލާހޯރުގެ 11 ވަނަ ދާއިރާގެ ގޮޑި ކަމިޔާބުކުރެއްވި މެންބަރެވެ. 2018 ގެ އާއްމު އިންތިޚާބުގައި އިލްކްޝަން ކޮމިޝަން އޮފް ޕާކިސްތާނަށް އޭނާ ހުށަހެޅުއްވި މާލީ ބާޔުނުގައި ވާތުން އޭނާގެ މިލްކިއްޔާތުގައި 918 މިލިޔަން ޕާކިސްތާން ރުޕީސް (8.7 މިލިޔަން އެމެރިކާ ޑޮލަރު) އެބަހުއްޓެވެ.
2012 ވަނަ އަހަރުން ފެށިގެން ޕީޓީއައިގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީމް ޚާން ހައްޔަރުކުރީ މިއަދު ހަވީރު އެންއޭބީގެ ލާހޯރު އޮފީހަށް އާޒިރުވެވަޑައިތުމުންނެވެ. އޭނާ މާދަމާގެ ވަގުތެއްގައި އެކައުންޓެބިލިޓި ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ ހަމީދު މީރް ބުނިގޮތުގައި، އެންއޭބީއިން ކޮންމެ އިރަކުވެސް ހައްޔާރުކޮށްފާނެކަން ޕީޓީއައިގެ އިސް ވަރަށް ގިނަ ބޭފުޅުންނަށް އެނގެއެވެ.
ބައެއް ނޫސްތަކުން ޚަބަރުދީފައިވާ ގޮތުގައި އަލީމް ޚާން ހައްޔަރުކޮށްފައި ވަނީ އެންއޭބީ އިން ތަހުގީގުކުރަމުންދާ ޕަންޖާބު ސަރުކާރުގެ 56 ކުންފުންޏެއް ހިމެނޭ ކޮރަޕްޝަންގެ ބިޔަ މައްސަލައަކާ ގުޅިގެންނެވެ. އަދި އޭނާގެ މައްޗަށް އޮފްޝޯ ކުންފުނިތަކެއްގައި އޭނާގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އިންވެސްޓްކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިފައިވާ ކަމުގައިވެސް ޕާކިސްތާނުން ލިބޭ ޚަބަރުތައް ބުނެއެވެ.