ކުރީގެ ރައީސް ޔާމީނާއި ޢާޒިމާގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލްއެފެއާޒު މިނިސްޓަރު ޢާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާ ކުރަން ޕޮރޮސެކިޔުޓަރ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ދެބޭފުޅުންގެ މައްޗަށް ދަޢުވާ ކުރަން ފޮނުވައިފައިވަނީ މަނީ ލޯންޑަރ ކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގުމަޢުލޫމާތު ދީފައިވާ ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު މުއްދަތުގައި ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅައިފައިވާ ކަމަށެވެ.

އެމައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުއްޔަށްދޫކުރި ރަށްތަކާއި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެފައިސާ ލޯންޑަރ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރަށް އެފައިސާއާ ބެހޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަޙުޤިޤުގާ ގުޅިގެން ހިންގި މުޢާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް އެބޭފުޅުން ދޮގުމަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގެ ތަޙުޤިޤުގައި ފުލުހުން ހޯދި މަޢުލޫމާތު ތަކާއި ހެއްކާއި ޤަރީނާތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކޮށްފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެތަނުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މަޢުލޫމާތު ލިބުމާގުޅިގެން އެމައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށްވާތީ، އެފައިސާ އަނބުރައި ދައުލަތާ ޙަވާލުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެންނެވުމުން އެފައިސާ ދައުލަތާއި ޙަވާލުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އޭގެ ބަދަލުގައި "އެމަނިކުފާނު (ރައީސް ޔާމީން) ގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި އެފައިސާ ދައުރުކޮށް މުޢާމަލާތު ކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަޙުޤީޤަށް ފާހަގަ ކުރެވިފައިވެއެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.